ދުނިޔެ

ބޮޑެތި ސުވާލުތަކަކާ އެކު ޖީ20ގެ ބައްދަލުވުން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ މަސްރަޙުގައި މިހާރު އޮތް އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭ ގިނަ ސުވާލުތަކަކާ އެކު ދުނިޔޭގެ އެންމެ ބޮޑެތި އިޤުތިޞާދުތައް ހިމެނޭ ގްރޫޕް އޮފް ޓުވެންޓީ (ޖީ20)ގެ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ފަށައިފިއެވެ. ޖީ20ގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައިގެ މައްސަލައެވެ.

Ads by Sosun Fihaara

ނަމަވެސް، ބައްދަލުވުމުގެ ޗެއަރގެ ގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މައްސަލައާ މެދު ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކުރަން މަސައްކަތް ކުރައްވާފައެވެ. ޖީ20ގެ ސަމިޓުގައި ހުރިހާ މެންބަރު ޤައުމުން އެއްބަސްވާ ގުޅިފައިވާ ބަޔާނެއް އިންޑިޔާއަށް އެކުލަވައިލެވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައްދަލުވުމުގެ ގުޅިފައިވާ ބަޔާނުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އިސްކަންދީފައި އޮތް މިންވަރު ކުޑަ ކޮށްފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ރަޝިޔާއާއި ހުޅަނގާ ދެމެދެވެ. ޖީ20 ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައިވެރިވެވަޑައި ނުގަތުމުން ވެސް، ސަމިޓު ކާމިޔާބުވެދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ކަން ފާހަގަ ކުރެވެއެވެ.

"ސަމިޓުގެ ފުރަތަމަ ދުވަހު ގުޅިފައިވާ ބަޔާނަކަށް ހުރިހާ މެންބަރު ޤައުމުތަކުން އެއްބަސްކުރުވުމަކީ އިންޑިޔާއަށް ލިބުނު ކާމިޔާބީއެއް. މިއީ، މޯދީގެ ސަރުކާރުން ބައިނަލްއަޤުވާމީ ޚާރިޖީ މަސްރަޙުގައި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީއެއް،" އިންޑިޔާގެ ޚާރިޖީ ވުޒާރާގައި ކުރިން ސެކްރެޓަރީއެއްގެ މަޤާމުގައި މަސައްކަތް ކުރައްވާފައިވާ އެ ދާއިރާގެ މާހިރެއް ކަމުގައިވާ އަޝޯކް ކާންތަ ވިދާޅުވިއެވެ.

ސަމިޓުގެ ގުޅިފައިވާ ބަޔާނަށް ރަޝިޔާއިން ވެސް ވަނީ މަރުޙަބާ ކިޔާފައެވެ. އަދި، އެ ބަޔާނަކީ ހުރިހާ ފަރާތެއްގެ މަސްލަޙަތަށް ހަމަހަމަކަމާ އެކު އިސްކަންދީފައިވާ ބަޔާނެއް ކަމުގައި މޮސްކޯއިން ސިފަކުރިއެވެ. ނަމަވެސް، ޔޫކްރެއިނުން ވަނީ ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި ފަށާފައިވާ ހަނގުރާމައަށް ބަޔާނުގައި އިސްކަންދީފައި ނުވާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން އިންޑިޔާއިން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. ސަބަބަކީ، އެ ހަނގުރާމައިގެ އެއް ކޮޅުގައި އޮތް ރަޝިޔާއަކީ އިންޑިޔާއާ އެކު ދިފާޢީ އަދި އަސްކަރީ ދާއިރާއިން ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. ނަމަވެސް، އެމެރިކާއާއި ހުޅަނގުން ދަނީ ޔޫކްރެއިނަށް ތާޢީދުކުރަން އިންޑިޔާއަށް ބާރު އަޅަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޖީ20ގެ ގުޅިފައިވާ ބަޔާނުގައި އިސްކަންދީފައި ވަނީ އ.ދއިން ގެންގުޅޭ ފަދަ ސިޔާސަތަކަށެވެ. ގޮވައިލާފައި ވަނީ އެއް ޤައުމުން އަނެއް ޤައުމުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިނުގަތުމަށާއި، ބާރުގެ ބޭނުން ކުރުން ހުއްޓައިލުމަށެވެ. މިއިން ދޭހަވަނީ، ޖީ20އަކީ ބައިނަލްއަޤުވާމީ މަސްރަޙުގެ ޖިޔޯޕޮލިޓިކަލް މައްސަލަތައް ހައްލު ކުރުމަށް އޮތް މައިދާނެއް ނޫން ކަން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 564 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

ރަޝިޔާ ސިފައިން އަތްގަދަކޮށްފައި ވަނީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!