އިންޑިއާއާއި ސައުދީގެ ގުޅުން އިތުރު ހަރުފަތަކަށް
އިންޑިއާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައި މިވަނީ، އިންޑިއާ، މެދުއިރުމައްޗާއި ޔޫރަޕް ގުޅުވައިދޭ އާ ރޭލްވޭ އެންޑް ޕޯޓް ކޮރިޑޯ އެއްބަސްވުމެއް އެ ޤައުމުގެ ލީޑަރުންނާއި އެޤައުމުގެ ލީޑަރުންނާއި އެހެނިހެން ފަރާތްތަކުން އިޢުލާނުކުރިތާ ދެ ދުވަސް ފަހުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބައްދަލުކުރައްވައި އިންޑިއާ-ސައުދީ އަރަބިއްޔާ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވައިފި އެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ، ހަކަތައިގެ ސަލާމަތާއި، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓުން ފެށިގެން ދިފާއީ، ޞިއްޙީ ޚިދުމަތާއި، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
2019 ވަނަ އަހަރު އުފެދުނު އިންޑިއާ-ސައުދީ އަރަބިއްޔާ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް އޮތް ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ނޫސް ބަޔާނެއްގައި މޯދީ ވަނީ އިންޑިއާގެ އެންމެ މުހިންމު ސްޓްރެޓެޖިކް ޕާޓްނަރުންގެ ތެރޭގައި ސައޫދީ އަރަބިއްޔާ ހިމެނޭ ކަމަށް ސިފަކުރައްވާފައެވެ.
"ކޮރިޑޯގެ ސަބަބުން ހަމައެކަނި ދެ ގައުމު ގުޅާލުމުގެ އިތުރުން އިގްތިސާދީ އެއްބާރުލުމާއި ހަކަތަ ތަރައްގީ ކުރުމާއި އޭޝިއާ، ހުޅަނގު އޭޝިއާ އަދި ޔޫރަޕާ ދެމެދު ޑިޖިޓަލް ކަނެކްޓިވިޓީ ވެސް ބަދަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ބޭއްވި ޖީ-20 ސަމިޓުގައި އިންޑިއާ، ސައުދީ އަރަބިއްޔާ، އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި އެހެނިހެން ގައުމުތަކުން ވަނީ އިގްތިސާދީ ކުރިއެރުމާއި ސިޔާސީ އެއްބާރުލުން ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާ އާއި މެދުއިރުމައްޗާއި ޔޫރަޕާ ގުޅުވާލާނެ އުއްމީދީ ރޭލް އެންޑް ޝިޕިން ކޮރިޑޯއެއް އިއުލާނުކޮށްފަ އެވެ.