ދުނިޔެ

ޗައިނާ ހުއްޓުވަން ހުޅަނގުން މަސައްކަތް ކުރާ ކަމަށާއި އެކަން ނުވާނެ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެކިއެކި ގޮތް ގޮތުން ޗައިނާ ރުޅި އަރުވައިގެންނާއި، ޗައިނާއަށް ފިއްތުންތައް ކުރިމަތި ކޮށްގެން އެގައުމު ބަލިކޮށްލަން ހުޅަނގުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަން ނުވާނެ ކަމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި މޭރުމުން އޭނާ ވާހަކަ ދައްކަވާފައި ވަނީ ރަޝިއާގެ އިރުމަތީ ބިތުގެ ސިޓީއެއް ކަމަށް ވާ ވްލަޑިވިސްޓޮކް ގައި މިހާރު ކުރިއަށް ދާ ފޯރަމެއްގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރެއްގައެވެ.

އޭނާ ވިދާޅުވީ، ޗައިނާ އާއި ރަޝިއާ އާ ދެމެދު ގުޅުން ބަދަހިވެ ކުރިއަރާފައި ވަނީ މީގެ ކުރިން ދެކެފައި ނުވާ މިންވަރަކަށް ކަމަށާއި އެ ގުޅުން އަދިވެސް ދާނީ އިތުރަށް ވަރުގަދަވެ ކުރިއަށް ކަމަށެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމަ ހުޅަނގާއި އެމެރިކާފަދަ ގައުމުތަކުން ކުށްވެރި ކުރަމުން ދާ އިރުވެސް ޗައިނާ އަކީ އެކަމުގައި ވަކި އަތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

ނަމަވެސް ހުޅަނގާއި އެމެރިކާއިން ބުނަމުން ދަނީ ރަޝިއާ އަށް ބޭނުންވާ ނުރައްކާތެރި ހަތިޔާރު ފޯރުކޮށް ދޭން ޗައިނާއިން މަސައްކަތް ކުރާ ކަމަށާއި އެކަން އެހެން ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ހުޅަނގާއި އެމެރިކާއިން މިތުހުމަތުތައް ކުރަމުން ދިޔަ ނަމަވެސް ޗައިނާއިން އެކަމުގައި ރައްދެއް ދިނުމުގެ ބަދަލުގައި ކުރި ކަމަކީ، ސުލްހައިގެ މަޝްވަރާތަކަށް ހާއްސަ ކޮށް ޔޫރަޕާއި، ޔޫކްރައިން އަދި ރަޝިއާ އަށް ސުލްހައިގެ މަންދޫބެއް ފޮނުވުމެވެ.

މި ފޯރަމްގައި ޕުޓިން އިތުރަށް ވިދާޅުވީ، ޔޫކްރައިންގެ އަތުގައި ހުރި ހަތިޔާރު ހުސްވީމައި އެމީހުން ސުލްހައިގެ މަޝްވަރާއަށް ބޭނުންވެދާނެ ކަމަށެވެ. އަދި އެ މަގަށް ދިޔުމަށްޓަކައި ރަޝިއާ އާއެކު ސުލްހައިގެ ވާހަކަ ދެއްކުން މަނާ ކުރާ ގާނޫނުތައް އުވާލަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!