ދުނިޔެ

އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ "ސްޓްރެޓެޖިކް" ގުޅުމާ މެދު މޯދީގެ އުއްމީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ "ސްޓްރެޓެޖިކް" ގުޅުމާ މެދު އުއްމީދު ބޮޑު ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"ދެ ގައުމު ގުޅިގެން މި ވަނީ އިގްތިސާދީ ކޮރިޑޯއެއް ގާއިމްކުރުމުގެ ތާރީހީ ފެށުން ފެށިފައި،" ސައުދީ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރެއްވުމަށް ފަހު މޯދީ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ނިއު ދިއްލީގައި ކުރިއަަށް ދިޔަ ޖީ20 ސަމިޓުގެ ތެރެއިން ދެ ލީޑަރުން ވަނީ މި ޒަމާނަށް ފެތޭ ބޮޑު އިގްތިސާދީ ރޫޓެއް ގާއިމްކުރުމުގެ ޕްލޭން އިއުލާންކޮށްފަ އެވެ.

"މި ކޮރިޑޯއިން ގުޅުވާލަދޭނީ މި ދެ ގައުމު އެކަންޏެއް ނޫން. އެކަމަކު އޭޝިއާ އާއި ހުޅަނގު އޭޝިއާ އަދި ޔޫރަޕާ ދެމެދު އިގުތިސާދީ ގުޅުމާއި، ޑިޖިޓަލް ގުޅުން ވަރުގަދަކުރެވޭނެ،" މޯދީ ވިދާޅުވި އެވެ.

އެ ޕްލޭންގެ ދަށުން ގައުމުތަކުގެ ރޭލުވޭ އާއި ބަނދަރުތައް އަދި ކަރަންޓާއި ޑޭޓާގެ ވިޔުގަ އާއި ހައިޑްރޮޖަން ހޮޅިތައް ގުޅާލަން އެއްބަަސްވީ އިންޑިއާ އާއި ސައުދީގެ އިތުރުން އެމެރިކާ، އީޔޫ، ޔޫއޭއީ އަދި ބައެއް އެހެން ގައުމުތަކެވެ.

އިންޑިއާ އާއި ސައުދީން މިދިޔަ އަހަރު ކުރި ވިޔަފާރީގެ އަގު 42.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އެހެންކަމުން، އާ ޕްލޭނާ އެކު އެ ގުޅުން ވަރުގަދަ ކުރުމުގެ އުއްމީދު ދެ ގައުމުން ވެސް ގެންގުޅެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!