އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް ތުހުމަތު ކޮށްފި
އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތު ކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރު، ޑައުނިންގ ސްޓްރީޓުން ބުރާސްފަތި ދުވަހު ބުނީ ޗައިނާއިން އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ސިޔާސީ ދާއިރާ، ދިފާއީ އަދި ވިޔަފާރީގެ ދާއިރާއިން ކޮންޓްރެކްޓްތަކެއް ހުށަހަޅަނީ އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެތެރޭގެ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ޖާސޫސީ ކެމްޕޭނެއްގެ ދަށުން ކަމަށެވެ.
ޗައިނާގެ ރެކްރޫޓްމަންޓް ސްކީމްތަކުން މަސައްކަތްކޮށްފައި ވަނީ އިނގިރޭސިންނާއި އަދި އިނގިރޭސި ވިލާތާ ގުޅިފައިވާ ގައުމުތަކުގެ އިސް މަގާމުތަކުގައި ތިބިބޭފުޅުންނަށާއި، އިލްމާއި ތަޖުރިބާގެ ގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ކަމަށް އިގިރޭސި ސަރުކާރުން ބުނެފައި ވެއެވެ.
އިނގިރޭސި ސަރުކާރުން ޗައިނާގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް ކޮށްފައި މިވަނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ ކޮންޒަވޭޓިވް ސަރުކާރަކީ ބެއިޖިންއިން ދިން ކަމަށް ބުނާ "ވަރުގަދަ އަދި ހަރުކަށި" އިންޒާރުތައް މެނޭޖް ކުރުމުގެ ގާބިލުކަން ނެތް ސަރުކާރެއް ކަމަށް ބުނެ މިދިޔަ ޖުލައި މަހު ނެރުނު އިންކުއަރީ ރިޕޯޓަކާ ގުޅިގެން ނެވެ.
ބޮޑުވަޒީރު ސުނަކްގެ ސަރުކާރުން ވަނީ ޗައިނާގެ ޖާސޫސީ މަސައްކަތްތަކާ ދެކޮޅަށް ތެދުވާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ލިންކްޑަން ފަދަ ސޯޝަލް މީޑިއާ ވެބްސައިޓްތަކުގައި ހަދާފައިވާ ފޭކް ޕްރޮފައިލްތައް ދެނެގަތުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާތައް ހިމެނޭ ގޮތަށް ޗައިނާގެ ރެކްރޫޓްމަންޓް އޮފާތަކުން އޮފިޝަލުންނަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ޓަކައި ގޮތްތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ.
ހަތަރު އަހަރުގެ އިންކުއަރީއަކަށް ފަހު މިދިޔަ ޖުލައި މަހު ޝާއިއުކުރި އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިނގިރޭސި އިގްތިސާދާ ގުޅުން ހުރި ނާޒުކު މައުލޫމާތުތައް ޗައިނާގެ ޖާސޫސުންނަށް ކާމިޔާބުކަމާއެކު ލިބިފައިވާ ކަމަށާއި ސަރުކާރުގެ ޖަވާބަކީ "މުޅިން އެކަށީގެންވާ ޖަވާބެއް ނޫން" ކަމަށެވެ.
"ވަކިން ހާއްސަކޮށް ޗައިނާގެ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ތައުލީމީ ދާއިރާގެ ތެރެއަށް ވަނުމަށް ޗައިނާގެ ބައިނަލްއަގްވާމީ ވާހަކަތައް ކުރިއަރުވައި، ޗައިނާއަށް ކުރާ ތުހުމަތު ތަކާއި ފާޑުކިޔުންތައް ނައްތާލުމަށް ޓަކައި އެ ގައުމުގެ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ވެއެވެ.
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސުނަކް ވިދާޅުވީ ގޯސްތަކެއް ހެދިފައިވާ ކަމަށާއި ސަރުކާރަށް މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވުނީސް ކަމަށެވެ.
2022 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ސަލާމަތީ އޮފިޝަލުން ވަނީ ޗައިނާގެ ޖާސޫސެއް ލަންޑަނުގައި ސިޔާސީ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ޕާލަމެންޓަށް އިންޒާރު ދިނުމަށް ވަރަށް މަދުން ނޫނީ ނުފެންނަ އެޑްވައިޒަރީއެއް ނެރެފަ އެވެ.
ބެއިޖިންގެ ފަރާތުން ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ޕާލަމެންޓްރީ ރިސާޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް މި ހަފުތާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ޓައިމްސް އިން މި ހަފުތާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންޑަންގެ އެމްއައި5 އިންޓެލިޖެންސް ސާވިސް އިން 2021 ވަނަ އަހަރު ކޮންޒަވޭޓިވް ޕާޓީއަށް އިންޒާރު ދީފައި ވަނީ އެމްޕީގެ ދެ ކެނޑިޑޭޓަކީ ޗައިނާގެ ޖާސޫސުން ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ.
އެމްއައި5 އިން މީގެ ކުރިން އިޝާރާތްކޮށްފައިވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ޗައިނާއިން ޖާސޫސްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގުގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށެވެ.