ހައިކޯޓާ ގުޅޭގޮތުން ނުރަނގަޅު ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓާއި ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރު ނުފެތުރުމަށް އެ ކޯޓުން އިލްތިމާސްކޮށްފިއެވެ.
މިކަން ހާމަކޮށް ހައިކޯޓުން ނެރުނު ބަޔާނުގައި ބުނީ ހަބަރުގެ ޒަރީއާ އިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އެގޮތުން މި ބަޔާނުގައި ބުނީ މިހާރަކަށް އައިސް ހައިކޯޓުގެ މަސައްކަތްތަކާއި އެތަނުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ނޫސްތަކާއި ސޯޝަލް މީޑިއާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤުތަކަކަށްވީ ނަމަވެސް އެ ހައްޤުތައް ބޭނުންކުރަން ވާނީ އެހެން މީހުންގެ ހައްޤުތަކަށް ފުރިހަމައަށް އިހްތިރާމު ކޮށްގެން ކަމަށް ވެސް ހައިކޯޓުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.