ޚަބަރު

ރިސޯޓު މުވައްޒަފުންނަށްޓަކައި ރިސޯޓުތަކުން ނަގާ ކުލިތައް މާފްކޮށްދެއްވާ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ރިސޯޓުތަކަށް އަސަރު ކުރާތީ އެ ރިސޯޓަކުން ނަގާ ކުއްޔާއި ޓެކްސް މާފުކޮށްދެވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުން މިދަނީ އަންދާޒާ ނުކުރެވޭ ވަރުގެ ހީނަރުކަމެއް ކަމަށާއި މިކަމުގެ ސަބަބުން ބައެއް ރިސޯޓުތަކަށް މީހުން އައުން މަދުވެ ރިސޯޓްތައް ބަންދުކުރާ ހިސާބަށްދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑު މިރޭ ސަރުކާރަށް ގޮވާލަން އެފަދަ ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔާއި އެނޫން ޓެކްސްތައް މިހާރުން މިހާރަށް މާފުކޮށްދޭށޭ.އެއީ ސަރުކާރުން ކުރަންޖެހޭ ކަމެއް. ސަރުކާރެއް އޮތުމުގެ ބޭނުމަކީ ދިމާވާ ކަންކަމަށް ހައްލު ހޯދައިދިނުން." ޜޭގެ ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެފަދަ ރިސޯޓުތައް ބަންދުކުރުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ވަޒީފާ ޔަގީންކޮށްދޭން ޖެހޭނެ ކަމަށާއި އިދިކޮޅުން އެފަދަ ޒުވާނުންގެ ދަފުތަރެއް އެކުލަވާލާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް ކޮރޯނާ ވައިރަހުގެ ސަބަބުން ބޮޑު ގެއްލުމެއް އަންނަމުންދާ ކަމަށް ފާހަގަކުރައްވާ ކުރީ ރޭގެ ޖަލްސާގައި ވެސް އަދުރޭ ވަނީ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުންނަގާ ޓެކްސް މަދުވެގެން އެއް އަހަރު ދުވަހަށް މާފުކޮށްދިނުމަށް ސަރުކާރަށްގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ނުކޮށްފިނަމަ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ދެ ގައުމު ކަމަށްވާ ޗައިނާއާއި އިޓަލީން ފަތުރުވެރިން ގެނައުން ސަރުކާރުން މިހާރު ވަނީ ހުއްޓާލާފައެވެ. މިއާއެކު އެއްލައްކަ އަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހާއެކު މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގުތިޞާދީ މަޑުޖެހުމާއި ވެއްޓުން ދިވެހި ރާއްޖެއަށް ވެސް މިހާރު ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ޓޫރިޒަމަށް ލިބެމުން އަންނަ ގެއްލުމާއެކު އެ އިންޑަސްޓްރީގެ އެންމެ ބޮޑު އެއް އިސްވާރު ކަމަށްވާ ވިލާ ކުންފުނިން ވަނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!