ދުނިޔެ

ދެކުނު ކޮރެޔާއިން ޖަޕާނާއި ޗައިނާއާއެކު ސަމިޓެއް ބާއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުނު ކޮރެޔާއިން އިސްނަގައިގެން ޖަޕާނާއި ޗައިނާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލުންނާ އެކު ސަމިޓެއް ބާއްވައިފިއެވެ. މި ސަމިޓު ބާއްވާފައި މި ވަނީ، އުތުރު ކޮރެޔާގެ ހަތިޔާރު ޕުރޮގުރާމު ފުޅާކޮށް، އަސްކަރީ ހަރަކާތްތައް އިތުރު ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

Ads by WAMCO

މި ސަމިޓަކީ ޗައިނާއަށް އިތުބާރު އައު ކޮށްދީ، ޗައިނާއާ އެކު އޮތް ގުޅުންތަކަށް ބަދަލެއް އައިސްފައި ނުވާ ކަން އެ ޤައުމަށް އަންގައިދޭން ދެކުނު ކޮރެޔާއާއި ޖަޕާނުން ބޭއްވި ސަމިޓެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، އެ ދެ ޤައުމުން އެމެރިކާއާ އެކު ފަހަކަށް އައިސް ބާއްވަމުންދާ ގާތް ގުޅުންތަކާ ގުޅިގެން ޗައިނާއިން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ސާފު ކޮށްދިނުމުގެ ބޭނުމުގައި ބާއްވާފައިވާ ސަމިޓެއް ކަމުގައި އެ ފަރާތްތަކުން ދެކެއެވެ.

މި ބައްދަލުވުމުގައި ދެކުނު ކޮރެޔާ ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު ޗަންގް ބްޔޮން-ވަންގްއެވެ. ޖަޕާނުން ބައިވެރިވެ ވަޑައިގެންނެވީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ އިސް ނައިބު ތަކެހިރޯ ފުނާކޮށީއެވެ. އަދި، ޗައިނާ ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ އެސިސްޓެންޓް ނޮންގް ރޮންގެވެ. ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ޕަކް ޖިން ވެސް އެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

ސޯލްގެ ސަރުކާރުން ވޮޝިންގްޓަނާއި ޓޯކިޔޯއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުން ދަނީ އުތުރު ކޮރެޔާގެ މައްސަލައާ ގުޅިގެންނެވެ. އުތުރު ކޮރެޔާގެ މިސައިލް ޕުރޮގުރާމަކީ ސޯލްއާއި ޓޯކިޔޯއަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ދެ ޤައުމުން ސިފަ ކުރެއެވެ. އުތުރު ކޮރެޔާއިން ފަހަކަށް އައިސް ވަނީ މިސައިލް ޓެސްޓުތައް ހެދުން އިތުރު ކޮށްފައެވެ.

އުތުރު ކޮރެޔާއިން ދީފާނެ ހަމަލައަކަށް ތައްޔާރުވުމުގެ ގޮތުން ސޯލްއާއި ޓޯކިޔޯއިން ވެސް ދަނީ ވޮޝިންގްޓަނާ އެކު އަސްކަރީ ގޮތުން ގާތް ގުޅުމެއް ބާއްވަމުންނެވެ. އުތުރު ކޮރެޔާއާއި ރަޝިޔާއާ ދެމެދު ގާތް ގުޅުންތަކެއް ބޭއްވުމަކީ ވެސް ސޯލްއާއި ޓޯކިޔޯ އެމެރިކާއާ ގާތްވާން ޖެހޭ އެއް ސަބަބުގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ކުރަމުންދާ ހަނގުރާމައާ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހަދަމުން ދަނީ އެމެރިކާއިންނެވެ.

ޗައިނާއާ އެކު ދެކުނު ކޮރެޔާއާއި ޖަޕާނުން ސަމިޓެއް ބާއްވާފައި މި ވަނީ، ހުސްވި އޮގަސްޓު މަހު އެމެރިކާއާ އެކު ވެސް މި ފަދަ ސަމިޓެއް އެ ދެ ޤައުމުން ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި، އެ ތިން ޤައުމުން ގުޅިގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތައް ވެސް ފަހަކަށް އައިސް ވަނީ އިތުރުކޮށް، ފުޅާ ކޮށްފައެވެ.

ދެކުނު ކޮރެޔާއާއި ޖަޕާނުގެ އިތުރުން ޗައިނާއާ ގުޅިގެން މި ފަދަ ޓްރައިލެޓަރަލް ނުވަތަ ތިން ފަރާތުން ބައިވެރިވާ ސަމިޓެއް އެންމެ ފުރަތަމަ ފަހަރަށް ބާއްވާފައި ވަނީ 2008 ވަނަ އަހަރުއެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ސަމިޓުތައް ބޭއްވުން ވަނީ މެދުކަނޑައިލާފައެވެ. މިއީ، އެއަށް ފަހު ބާއްވާ މި ފަދަ ފުރަތަމަ ސަމިޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!