ދުނިޔެ

ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރެފިއުޖީން ފޮނުވައިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް ޤަވާޢިދާ ޚިލާފަށް ހިޖުރަކޮށްފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީން ނޮވެންބަރު މަހުގެ ކުރިން އެ ޤައުމު ދޫކޮށް ދިޔުމަށް ޕާކިސްތާން ސަރުކާރުން އަންގައިފިއެވެ. މި ކަން އިޢުލާނު ކުރެއްވީ ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސަރްފަރާޒް ބަކްތީއެވެ. އެ ޤައުމަށް ހިޖުރަކޮށް ހިމާޔަތަށް އެދިފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ޢަދަދު 1.7 މިލިޔަނަށް އަރާ ކަމަށް ބެލެވެއެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް ޕާކިސްތާން ދޫކޮށް ދިޔުމަށް އަމުރު ކޮށްފައި މި ވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މައްސަލަ ހޫނުވެފައި ވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކުން ދީފައިވާ ހަމަލަތަކުގެ ޢަދަދު އިތުރުވުމާ ގުޅިގެންނެވެ. އެ ޖަމާޢަތްތަކަކީ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންނާ ގުޅުން އޮންނަ ބަޔެއް ކަމަށް ޕާކިސްތާނުން ޤަބޫލު ކުރެއެވެ.

ޕާކިސްތާނުގައި ފަހަކަށް އައިސް ހިންގާފައިވާ ޓެރެރިސްޓު އަމަލުތަކުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި ޠާލިބާނުން ބުނެއެވެ. ނަމަވެސް، އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ، ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތް ފަހުން ޕާކިސްތާނުގައި ދީފައިވާ ޓެރެރިސްޓު ހަމަލަތަކުގެ ޢަދަދު އިތުރުވެފައިވާ ކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ޓެރެރިސްޓުންގެ ހަރަކާތްތައް ހުއްޓުވަން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ޚާއްޞަ އޮޕަރޭޝަނެއް ހިންގި ނަމަވެސް، އެ ފަދަ ޖަމާޢަތްތަކުން ދެމުންދާ ހަމަލަތައް ހުއްޓުވަން އެ ޤައުމު ވަނީ ނުކުޅެދިފައެވެ. އަދި، ޓެރެރިސްޓު ޖަމާޢަތްތަކަށް ޠާލިބާނުންގެ ސަރުކާރުން ހިމާޔަތްދޭ ކަމަށާއި، އެ ޖަމާޢަތްތައް ހުއްޓުވަން ޠާލިބާނުން މަސައްކަތް ނުކުރާ ކަމަށް ޕާކިސްތާނުން ޤަބޫލު ކުރެއެވެ.

އެހެން ޤައުމަކަށް ހިޖުރަކޮށް، އެ ޤައުމެއްގެ ހިމާޔަތް ހޯދަން އެދުމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ ޙައްޤެކެވެ. 2021 ވަނަ އަހަރުގެ އޮގަސްޓު މަހު އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތް ފަހުން، އެ ޤައުމުގެ އެތަކެއް ސަތޭކަ ހާސް ރެފިއުޖީންނެއް ޕާކިސްތާނަށް ހިޖުރަކޮށްފައިވެއެވެ. އަދި، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކަށް ޕާކިސްތާނުން ވަނީ ހިމާޔަތް ދީފައެވެ.

އ.ދއިން ބުނީ ޕާކިސްތާން ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ އަފްޣާނިސްތާނުގެ ރެފިއުޖީންގެ ޢަދަދު 1.3 މިލިޔަނަށް އަރާ ކަމުގައެވެ. އަދި، ޕާކިސްތާނުގައި ދިރިއުޅުމުގެ ޤާނޫނީ ހުއްދަ އަފްޣާނިސްތާނުގެ 880,000 ރެފިއުޖީންނަށް ދީފައިވާ ކަމުގައެވެ.

ނަމަވެސް، އޭގެ އިތުރުން އަފްޣާނިސްތާނުގެ 1.7 މިލިޔަން ރެފިއުޖީން ޕާކިސްތާނުގައި ދިރިއުޅެމުންދާ ކަމުގައި ދާޚިލީ ވަޒީރު ބަކްތީ ވިދާޅުވިއެވެ. އަދި، ނޮވެންބަރު މަސް ނިމުމުގެ ކުރިން އެ މީހުން ޕާކިސްތާން ދޫކޮށް ނުގޮސްފި ނަމަ، އެ މީހުން ޑީޕޯޓު ކުރާނެ ކަމުގައި ވެސް ބަކްތީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ މި ނިންމުން ނިންމާފައި މި ވަނީ، އެ ޤައުމުގެ ދެކުނުގައިވާ ބަލޫޗިސްތާން ޕުރޮވިންސާއި ޚައިބަރް ޕަޚްތުންޚާ ޕުރޮވިންސުގައި ބޮމުގެ ހަމަލަތަކެއްދީ 60 އެއްހާ މީހުން މަރައިލާފައިވާ ދަނޑިވަޅެއްގައެވެ. ބޮމުގެ ހަމަލަތައް އަމާޒުކޮށްފައި ވަނީ މިސްކިތްތަކަށެވެ. ބަލޫޗިސްތާނަކީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޕުރޮވިންސެކެވެ.

އެ ހަމަލަތަކުގެ ފަހަތުގައި އޮތީ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ ތަޙްރީކް ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) ކަމަށް ޕާކިސްތާނުން ދެކެއެވެ. އެއީ، އަފްޣާނިސްތާނުގެ ޠާލިބާނުންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބޭ، ޠާލިބާނުންގެ ސަރުކާރާ ގުޅުން އޮންނަ ޖަމާޢަތެއް ކަމަށް ޕާކިސްތާނުގެ ސަރުކާރުން ޤަބޫލު ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!