ވިލިމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގީ "ބަސްމަލާ" ނަމަކަށް ކިޔާ ފަޅު ގެއެއްގައެވެ.
އެ ގޭގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ފަތިހު 05:12 އެހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބިފާވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ، އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ ދެ ކޮޓަރިއެއްގައެވެ.
އަދި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ފަތިހު 05:55 އެހާއިރުވަނީ ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާހާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.