ދުނިޔެ

ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން ކޮމިއުނިސްޓް ޕާޓީން ޗައިނާއިން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ސަރުކާރު ހިއްސާވާ ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން ގާނޫނާ ހިލާފަށް އަމަލުކޮށް ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުގައި އެ ޕާޓީން ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފި އެވެ.

Ads by WAMCO

ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަން (ސީސީޑީއައި) ގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނީ ލިއު ލިއަންގޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނާ ހިލާފަށް ލޯނު ދިނުމާއި މާލީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވި ކަމުގެ ތުހުމަތެވެ.

އަދި މަނާ ޕަބްލިކޭޝަންތައް ވެސް ގައުމަށް ގެނެސް ގާނޫނާ ހިލާފަށް ރިޝްވަތު ނަގައި، އަމިއްލަ ކްލަބްތަކާއި ސްކީ ރިސޯޓްތަކުގައި މުނިފޫހިފިލުވުން ބަލައިގެންފައިވާ ކަމަށް 97 މިލިއަން މެމްބަރުން ހިމެނޭ އެ ޕާޓީގެ ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޝަނުން ބުންޏެވެ.

މިކަމާ ގުޅިގެން ރޮއިޓާސްގެ ބަހެއް ހޯދުމަށް ލިއުއަށް ގުޅާލެވޭ ގޮތެއް ނުވި އެވެ.

1961 ވަނަ އަހަރު އުފަން ލިއު އަކީ 2019 ވަނަ އަހަރު ބޭންކް އޮފް ޗައިނާގެ ޗެއާމަންކަމަށް ޕްރޮމޯޓްވުމުގެ ކުރިން ސެންޓްރަލް ޕީޕަލްސް ބޭންކް އޮފް ޗައިނާ އާއި އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ ހިމެނޭ ގޮތަށް ބޭންކިން އަދި ފައިނޭންސް މުއައްސަސާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ލިއު އެ މަގާމުން އިސްތިއުފާ ދެއްވީ މި އަހަރުގެ މާޗް މަހުގެ މެދުތެރޭގަ އެވެ.

އޭގެ ދެ ހަފުތާ ފަހުން ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީސީޑީއައިއިން އޭނާގެ މައްސަލަ ބަލަން ފަށާފައިވަނީ ޕާޓީގެ ސުލޫކާއި ގާނޫނުތަކާ ބޮޑެތި ހިލާފުވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!