ޚަބަރު

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް މެޑިކަލް ޓީމެއް ފޮނުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް އިންޑިއާގެ ސިއްހީ މާހިރުންްގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއަން ހައިކޮމިޝަން ބުނެފި އެވެ.

Ads by STELCO

އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް 19 އަކީ މުޅި ދުނިޔެއަށް ފެތުރިދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައެޅުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ދިވެހި ސަރުކާރަށް މި ބަލިން ރައްކާތެރިވުމުގައި އެހީ ފޯރުކޮށް ދިނުމަށް ނިންމާފައި ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނާއި ހިދުމަތްތެރިންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޓީމުގައި ޕަލްމޮނޮލޮގިސްޓުންނާއި، އެނެސްތެޓިސްޓުންނާއި، ފިޒިޝަނުން އަދި ލެބް-ޓެކްނީޝަނުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އިންޑިއާއަކީ ރާއްޖެއަށް ބޭސް އެތެރެކުރާ އެއް ގައުމު ނަމަވެސް މިމަހުގެ ހަަތަރު ވަނަ ދުވަހު، އެގައުމުގެ ސަރުކާރުން ވަނީ ބައެއް ބޭސްތައް އެކްސްޕޯޓު ކުރުމަށް މަނާކޮށްފަ އެވެ. އެގޮތުން އެކްސްޕޯޓު ކުރުމަށް މަނާކޮށްފައިވާ ބައެއް ބޭސްތަކުގެ ތެރޭގައި ޕެރެސެޓަމޯލް އާއި ބައެއް އެންޓިބަޔޮޓިކްސް އަދި ވިޓަމިންގެ ބައެއް ބޭސްތައް ހިމެނެ އެވެ. މިހެންވެ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވެދާނެތީ ގިނަ ބަޔަކު ކަންބޮޑުވި އެވެ.

އެކަމަކު، އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިންމު އެތައް ބޭހެއް ދިވެހި ސަރުކާރަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި ވަގުތީ ގޮތުން އެފަދަ ބޭސްތައް އެކްސްޕޯޓް ކުރުން އެގައުމުން މެދުކަނޑާލި ނަމަވެސް ދެ ގައުމުގެ މެދުގައިވާ ގާތް ގުޅުމުގެ ސަބަބުން އިންޑިއާ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް މިބޭސްތައް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!