ދުނިޔެ

އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޗައިނާއިން ނޮވެމްބަރު މަހު ސާވޭއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އާބާދީގެ ސިޔާސަތުތައް އިތުރަށް ރާވައި ހިންގުމަށް އެހީވުމުގެ ގޮތުން މުޅި ގައުމުގައި ސާމްޕަލް ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

Ads by WAMCO

ފާއިތުވި ހަ އަހަރު ތެރޭ ޗައިނާގެ އާބާދީ ފުރަތަމަ ފަހަރަށް ދަށަށް ދިއުމާއި، އެ ގައުމު ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ ކަންބޮޑުވާ ބެއިޖިންއިން ދަނީ މާލީ އިނާޔަތްތަކާއި ކުޑަކުދިން ބަލަހައްޓާ ވަސީލަތްތައް އިތުރުކުރުން ފަދަ އެ ގައުމުގެ އުފަންވާ ނިސްބަތް މަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މި ސާވޭގެ ސްކޯޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން އަދި ރޫރަލް ސަރަހައްދުތަކަށް އަލިއަޅުވާލާނެ ކަމަށް ދައުލަތުގެ މީޑިއާ ރިޕޯޓްތައް އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

މި ޕްލޭންގެ ސަބަބުން "ޗައިނާގެ އާބާދީގެ ތަރައްގީއަށް އަންނަ ބަދަލުތައް ސައްހަކޮށް އަދި ވަގުތުން މޮނިޓާކޮށް، ގައުމީ އިގްތިސާދީ، އިޖުތިމާއީ ތަރައްގީ އަދި އާބާދީއާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް ކޮމިއުނިސްޓް ޕާޓީ އަށާއި ސަރުކާރަށް އަސާސެއް ލިބިގެންދާނެ،" ބިއުރޯއިން ބުންޏެވެ.

ޗައިނާއިން އެންމެ ފަހުން ދިހައަކުން އެއް ފަހަރު ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ސާވޭ ކުރާނެ މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

މި ސާވޭ ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ސާވޭ ކުރާ އިދާރާއަކުން ގޭބިސީތަކަށް ގޮސް ޑޭޓާ ނެގުމަށް ނުވަތަ އޮންލައިންކޮށް ސުވާލުތައް ފުރުމަށް ޖަވާބުދޭ ފަރާތްތަކުގެ ކިބައިން އެދުމުންނެވެ.

އުފަންވާ ނިސްބަތް ދަށަށް ދިއުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ ދަތިތަކާ މެދު އާންމުންގެ މެދުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އާބާދީ ކުރިއެރުވުމަކީ ދައުލަތުގެ މީޑިއާގައި ގައުމުގެ ހަރުދަނާކަމާއި "ދިރުވައި އާލާކުރުމާ" ގުޅިފައިވާ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!