އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކުން މައްޗަށް އަރައިފި
އަފްޣާނިސްތާނުގެ ހީރަތު ޕްރޮވިންސަށް ހޮނިހިރު ދުވަހު ހެނދުނު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހާހަކުން މައްޗަށް އަރައިފިއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި ދިރިތިބި މީހުން ތިބިތޯ ބަލައި ސަލާމަތް ކުރުމަށް އެހީގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން އެކި ގޮތްގޮތަށް ގާފުނިތައް ހާވައި، ހޯދަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. ބިންހެލުމަށްފަހު 500އެއްހާ މީހުންނަށް ވީގޮތެއް އަދިވެސް ނޭނގޭކަމަށް ވެއެވެ.
ހީރަތު ޕްރޮވިންސަކީ އިމާރާތުގެ ގޮތުން މާބައިބޯ ހިސާބެއް ނޫންނަމަވެސް، ދުރުދުރުގައި ހުރި، އާދައިގެ ގެތަކުގެ ތެރެއިން ވަރަށް ގިނަ ގެތަކެއް ވަނީ ބިންހެލުމުގައި ފުނޑުފުނޑު ވެފައެވެ. ބިންހެލުމުގައި އެހިސާބުގެ ގިނަ މަގުތަކާއި އަދި މުވާސަލާތީ ލައިންތައް ހަލާކުވެފައި ވުމާއެކު އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް އަންގާރަ ދުވަހުން ފެށިގެން އެހީގެ ތަކެތި ފޯރުކޮށް ދެވެން ފަށާފައިވާ ކަމަށް އދގެ އޭޖެންސީތަކުން ބުނެފައި ވެއެވެ.
6.3ގެ ބާރުމިނުގައި ހޮނިހިރު ދުވަހު ހެނދުނު ބިންހެލުން އައިސްފައިވަނީ ހީރަތު ޕްރޮވިންސުގެ ޒިންދާޖަންއޭ ކިޔުނު، ރަށްފުށުގެ ހިސާބަކަށެވެ. އދ.ގެ އޮފީސްފޯ ހިއުމެނިޓޭރިއަން އެފެއަރޒުން ބުނެފައިވާގޮތުގައި، ބިންހެލުމުގައި އެހިސާބުގެ ސަތޭކަ ޕަސެންޓް ގެ ވަނީ ވެއްޓި ހަލާކުވެފައެވެ.
މިހިސާބަކީ ހަނގުރާމައިން ސަލާމަވުމަށްވެސް ގިނަބަޔަކުގޮސް ވަޒަންވެރިވެފައިވާ ހިސާބެއް ކަމުން، މީހުންގެ އަސްލު އަދަދު ތާލިބާން ސަރުކާރަށްވެސް ނޭނގޭކަމަށް ވެއެވެ. އެހެންކަމުން މަރުވި ނުވަތަ ގެއްލުނު މީހުންގެ ހަގީގީ އަދަދުތައްވެސް ސާފުވާ ގޮތް ވަނީ ނުވެފައެވެ.
ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލްތަކުން ވެސް ދަނީ ބުރަކޮން މަސައްކަތް ކުރަމުންނެވެ. އެކި އަނިޔާތައް ލިބިގެން މިހާތަނަށް 1600އެއްހާ މީހުން ހޮސްޕިޓަލްތަކަށް ގެންދެވިފައި ވާކަމަށް ވެއެވެ. ގިނަ މީހުންނަކީ އިމަޖެންސީ ނޫން ކޭސްތައް ނަމަވެސް، ފަރުވާއަށްފަހު އެނބުރި ދާނެ ގެޔެއް ނެތުމުން، މީހުން ހޮސްޕިޓަލްތަކަށް ފުނިޖެހިފައ ވާކަމަށް ޚަބަރުތައް ބުނެއެވެ.
ބިންހެލުމުގައި ގިނައިން މަރުވެ އަދި އަނިޔާވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން ބޭހާއި އަންނައުނު ބޭނުންވާކަމަށް ތާލިބާން ސަރުކާރުން ބުނެފައި ވެއެވެ.