ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
އެކަން އިއުލާން ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ދެއްވި ޕްރެސްކޮންފަރެންސެއްގަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ؛
- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން
- މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
- ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
- ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.
އަމީން ވިދާޅުވީ މި ނިންމުމާ އެކު، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.