ޚަބަރު

ކަރަންޓީނަށް ދެކޮޅު ހަދާނަމަ ކޯޓު އަމުރު ހޯދޭނެ އުސޫލެއް

ދެން އެމްވީ ، ދެން އޮންލައިން

ގައިން ގަޔަށް އަރާ ބަލިޖެހޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަރަންޓީން ކުރުމަށް އެމީހުންނަށް އަންގާ އެންގުންތަކަށް ތަބާ ނުވާނަމަ އެކަން ކުރުމުގެ ކޯޓު އަމުރު ނެރޭނެ އުސޫލެއް ސިވިލް ކޯޓުން އާއްމުކޮށްފިއެވެ.

Ads by STELCO

ސިވިލް ކޯޓުން މިއަދު އާއްމު ކޮށްފައިވާ އުސޫލެއްގައި ބުނެފައިވަނީ ކަރަންޓީން ކުރުމަށް ދެކޮޅު ހަދާ މައްސަލައެއް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް އެންގުމެއް ނެތި ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ އެކަންވެސް ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެގޮތުން އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުން ނަމަ ލިޔުމަކުން އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅަން ބޭނުންވެއްޖެ ނަމަ އީމެއިލްގެ ޒަރިއްޔާއިން ވެސް މައްސަލަ ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެއްވެސް ފީއެއް ނެގުމަކާއި ނުލާ އެފަދަ މައްސަލަތައް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން އާއްމުކޮށްފައިވާ އުސޫލުގައިވެއެވެ.

ސިވިލް ކޯޓުން މިފަދަ އުސޫލެއް އާއްމުކުރިއިރު އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާ ގޮތުގައި ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ ކަމަށެވެ. އަދި އަންގާ އެންގުމަކަށް ދެކޮޅު ހަދާ ކަމަށް ވާނަމަ އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށްވެސް އެ ގާނޫނުގައިވެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިވިލް ކޯޓުން ނެެރޭ އަމުރުގެ ދަށުން މީހުން ހޯދައި، ހައްޔަރު ކުރުމާއި ކަމާބެހޭ އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ މީހަކާ މެދު އަމަލު ކުރެވޭނެއެވެ. އަދި އެކަމަށް ފުލުހުންގެ އެހީތެރިކަން ވެސް ހޯދިދާނެ ކަމަށް އެ ގާނޫނުގައިވެއެވެ.

ރާއްޖެއިން މިހާރުވެސް ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހުން އަންނަނީ ކަރަންޓީން ކުރަމުންނެވެ. އެގޮތުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ފަރުކޮޅުފުއްޓާއި ވިލިވަރު އަންނަނީ ބޭނުން ކުރަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!