ލޯނުގެ މަޝްވަރާއަަށް ލަންކާގެ ރައީސް ޗައިނާއަށް
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަންނަ ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް އެގައުމުގެ އެންމެ ބޮޑު ލޯނު ދޭ ގައުމާ އެކު ކުރިއަށް ދާތީ ކަމަށް އެ ގައުމުގެ އޮފީހުގެ މަސްދަރަކުން ހުކުރު ދުވަހު ރޮއިޓާސް އަށް މައުލޫމާތު ދީފައިވެ އެވެ.
ވިކްރަމަސިންހަ ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހު އިގްތިސާދީ ހީނަރުކަމުގެ ސަބަބުން އުފެދުނު މަގުބޫލު ބަޣާވާތަކުން ކުރީގެ ރައީސް ވެރިކަމުން ދުރުކުރަން ޖެހުމުންނެވެ. އޮކްޓޯބަރު މަހުގެ 15-19 އަށް ބެއިޖިންއަށް ކުރައްވާ ދަތުރުފުޅަކީ އޭގެ ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ވިކްރަމަސިންހަ ގެންދަވަނީ ސްރީލަންކާގެ ބޮޑު ދަރަނި މެނޭޖްކުރުމަށާއި 2.9 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޕްރޮގްރާމަކުން ފައިސާ ދައުރުކުރަމުން ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އިސްކޮށް ހުންނެވި ބޭފުޅެކެވެ.
އަދި ދުނިޔޭގެ އުމްރާނީ ވަސީލަތްތަކާއި ހަކަތައިގެ ނެޓްވޯކްތައް ތަރައްގީ ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބެއިޖިންގައި ބާއްވާ ބެލްޓް އެންޑް ރޯޑް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ފޯރަމްގެ ހަވާސާގައި ވިކްރަމަސިންހަ ޝީއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ޝީއަށް ލިބިފައި ނުވާތީ ނަން ހާމަ ކުރަން ދެކޮޅު ހެއްދެވި ބޭފުޅަކު ވިދާޅުވި އެވެ. އަދި ސްރީލަންކާގެ ލީޑަރަށް ޗައިނާގެ މާލީ ވަޒީރުންނާއި ޚާރިޖީ ވަޒީރުންނާ ވެސް ބައްދަލުކުރެއްވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ސްރީލަންކާއަކީ ޗައިނާގެ ލޯނުދޭ ފަރާތްތަކަށް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ގައުމެކެވެ.
ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކާއެކު މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ޖަޕާނާއި އިންޑިއާ ފަދަ ބައިލެޓަރަލް ކްރެޑިޓަރުންނާ އެކު ދަރަނި ރީސްޓްރަކްޗާ ޕްލޭނަކަށް ދިއުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.