ލަންކާއިން އަނެއްކާ ވެސް ޗައިނާގެ ބޮޑު ލޯނެއް
ސްރީލަންކާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރޭގައި، ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ބޭންކާ އެކު، އެ ގައުމުގެ ދަރަނީގެ ގާތްގަނޑަކަށް 4.2 ބިލިއަން ޑޮލަރު ބެލެހެއްޓުމަށް މުހިންމު އެއްބަސްވުމެއް ހަދައިފި އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ސްރީލަންކާގެ ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ، އެ ގައުމުގެ އިގްތިސާދީ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމުގެ ސީދާ ޝަރުތުތައް ހާމަކޮށްފައި ނުވި ނަމަވެސް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި އެއްބަސްވުމުގެ ސަބަބުން މާލީ ގޮތުން ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން 2.9 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓްގެ ބައެއް ދޫކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސްރީލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. މި ކުރިއެރުމުގެ ސަބަބުން އައިއެމްއެފްގެ ދެވަނަ ބައި ދޫކުރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ސްރީލަންކާ އިން އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތާރީޚެއް ހެދީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއްގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 46 ބިލިއަން ޑޮލަރު ނުދެއްކުމުންނެވެ.
ސްރީލަންކާގެ ޓްރެޜަރީ ސެކްރެޓަރީ ކޭ.އެމް.މަހިންދަ ސިރިވަރްދަނާ ނެރުއްވި ބަޔާނެއްގައި ވަނީ މި އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސްރީލަންކާގެ އިޤްތިޞާދު ކުރިއެރުވުމުގައި މި އެއްބަސްވުމުގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޗައިނާގެ އެގްޒިމް ބޭންކުން ޤައުމުގެ ދަރަނީގެ ޙާލަތު ޙައްލުކުރުމުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި އެއްބަސްވުމުގައި ޗައިނާގެ ދައުރަށް ސްރީލަންކާއިން ތައުރީފުކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދެފުށް ފެންނަ ގޮތާއި، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތަކަށް ކުރާނެ އަސަރުތަކާ މެދު ސުވާލު އުފެދެ އެވެ. މި އެއްބަސްވުމުގެ ސަބަބުން އައިއެމްއެފް އާއި ޕެރިސް ކްލަބްގެ މެމްބަރުންނާއި ޖަޕާނާއި އިންޑިއާ ފަދަ އެހެނިހެން ކްރެޑިޓަރުން ބައިވެރިވާ ވަކިވަކި މަޝްވަރާތަކަށް ހިޔަނި އެޅިފައިވާއިރު، މި ހަފުތާގައި މޮރޮކޯގައި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.