ދުނިޔެ

ޗައިނާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިފެންޑަރު ގުއޯ ފީޒިއޯންގް ދޫކޮށްލުމަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަލުގައި ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވަމުން އަންނަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޑިފެންޑަރު ގުއޯ ފީޒިއޯންގް ދޫކޮށްލުމަށް ގޮވާލާ ގޮވާލުންތަކަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ދެން އިހުމާލު ނުވެވޭނެ ކަމަށް އދގެ ސްޕެޝަލް ރެޕަޓުއާ މެރީ ލޯލޯރް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ހާލަތާ ބެހޭ އދގެ ސްޕެޝަލް ރެޕަޓުއާ މެރީ ލޯލާ ވިދާޅުވި ގޮތުގައި ގުއޯ ފީޒިއޯންގް ހުރީ ބޭއިންސާފުން ޖަލުގައި ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. "އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ވަނީ 2006 ވަނަ އަހަރުން ފެށިގެން އޭނާގެ ހާލަތާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް ކުއްލި 10 ސިޓީއެއް ފޮނުވާފައި. އިންސާނިއްޔަތަށްޓަކައި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ،" އެކަމަނާ ވިދާޅުވި އެވެ.

އދ.ގެ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގުއޯ ފީޒިއޯންގް އަކީ ޗައިނާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަދި ލިޔުންތެރިޔާ ޔަންގް މައޯޑޮންގްގެ ޕެން ނޭމް ކަމަށެވެ. އެއްވެސް އަސާސެއް ނެތް ތުހުމަތެއްގައި 2005 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ 13 އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ.

އެންމެ ފަހުގެ ބަންދުގައި، 5 ޑިސެމްބަރު 2021 ގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ވަކީލަށް ނުވަދެ ހަ މަސް ވަންދެން ބަންދުކުރި އެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ޖޫން މަހު ގުއޯ ފީޒިއޯންގްގެ މައްޗަށް ދައުލަތުގެ ބާރު ކަނޑުވާލުމުގެ ކުށުގެ ދައުވާ އުފުލައި، 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޯޓުން ކުށް ސާބިތުވެ، އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ހިއުމަން ރައިޓްސް ޑިފެންޑަރުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުން 2023 ވަނަ އަހަރުގެ ޖޫން މަހު ވަނީ ދަމަހައްޓައިފަ އެވެ.

"ގުއޯ ވަނީ އޭނާ އާބިޓްރަރީ ކޮށް ބަންދުކުރުމާ ދެކޮޅަށް ބަނޑުހައިހޫނުކަމުގެ ގިނަ ހަޅުތާލުތަކެއް ފަށާފައި ކަމަށާއި އޭނާގެ ހާލަތު މިހާރު ވަރަށް ނާޒުކު،" ލޯލޯރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!