ދުނިޔޭގެ އެންމެ ބޮޑު ގްރެފައިޓް އުފައްދާ ޗައިނާއިން މައިގަނޑު ބެޓެރީ މެޓީރިއަލް އެކްސްޕޯޓް ކުރުން ހަރުކަށިކޮށްފި
ގައުމީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގްރެފައިޓްގެ ބައެއް އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ ބޭނުންވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ގްރެފައިޓް އުފައްދާ އަދި އެކްސްޕޯޓްކުރާ ގައުމެވެ. މީގެ އިތުރުން ދުނިޔޭގެ ގްރެފައިޓްގެ 90 އިންސައްތައަށްވުރެ ގިނަ އިންސައްތަ ރިފައިންކޮށް، ބެޓެރީއެއްގެ ނެގެޓިވް ޗާޖްކުރާ ބައި ކަމުގައިވާ ގާތްގަނޑަކަށް ހުރިހާ އީވީ ބެޓެރީ އެނޯޑްތަކެއްގައި ބޭނުންކުރާ މެޓީރިއަލްއަށް ވެސް ރިފައިން ކޮށްދެއެވެ.
އެނާޖީ ޓްރާންސިޝަން މެޓަލްސް ދާއިރާގެ ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށް އަމާޒުހިފާފައިވާ އަލްކޭމީ ކެޕިޓަލް އިންވެސްޓްމަންޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު ކިއެން ހުއިންހް ވިދާޅުވި ގޮތުގައި ގްރެފައިޓްގައި ޗައިނާއިން އެޅި ހިތްވަރުގަދަ އަދި އުންމީދު ނުކުރާ ފަދަ މި ފިޔަވަޅަކީ އަހަންނަށް ހައިރާންކަން ގެނެސްދިން ފިޔަވަޅެކެވެ.
ބެއިޖިންއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ބޭނުންވަނީ ބޭރުގެ ގިނަ ސަރުކާރުތަކުން ޗައިނާގެ ކުންފުނިތަކުގެ ސިނާއީ އާދަތަކާ މެދު ޕްރެޝަރު ބޮޑުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޗައިނާގައި އުފައްދާ އީވީތަކުން ޓެރިފް ނެގުމަށް ވިސްނަމުން ދަނީ ސަބްސިޑީގެ ފައިދާ ނުހައްގުން ލިބޭ ކަމަށް ބުނެ އެވެ. މީގެ އިތުރުން އެމެރިކާ ސަރުކާރުން ވަނީ ޗައިނާގެ ކުންފުނިތަކަށް ސެމިކޮންޑަކްޓަރުތަކަށް ވަނުމަށް އަޅާފައިވާ ހުރަސްތައް އިތުރަށް ފުޅާކޮށް، އެންވީޑިއާ އިން އުފައްދާ ފައިވާ އާޓިފިޝަލް އިންޓެލިޖެންސް ޗިޕްތައް ވިއްކުން ހުއްޓާލާފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުކުރު ދުވަހު ވޮޝިންޓަންގައި ކްރިޓިކަލް މިނަރަލްސްއާ ބެހޭ ގޮތުން އީޔޫގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.