އަފްޣާނިސްތާނުގެ ރެފިއުޖީން ބަލައިގަތުމަށް ޕާކިސްތާނަށް އެމެރިކާއިން ގޮވާލައިފި

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ޕާކިސްތާނު ހިމެނޭ ގޮތަށް އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުން ބައިނަލްއަގުވާމީ ހިމާޔަތް ހޯދަން އަފްޣާނިސްތާނަށް އެތެރެވުމަށް މަގުފަހިކޮށްދިނުމާއި ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ޖަމިއްޔާތަކާ ގުޅިގެން ޒަރޫރީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
"ޕާކިސްތާނު ހިމެނޭ ގޮތަށް އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދަން ބޭނުންވާ އަފްޣާނިސްތާނަށް އެތެރެވުމުގެ ހުއްދަ ދިނުމަށާއި ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅަނީ... އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް،" އިނގިރޭސި ބަހުން ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޑެއިލީ ޓައިމްސްއާ ހަވާލާދީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު ހިމެނޭ ގޮތަށް ލިޔެކިޔުމެއް ނެތި އުޅޭ ހުރިހާ ބިދޭސީންނަށް އެ ގައުމު ދޫކޮށް ދިއުމަށް ނުވަތަ މަޖުބޫރުކޮށް ޑީޕޯޓް ކުރަން ޖެހިދާނެ ކަމަށް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޕާކިސްތާނުން ބުނީ ޑީޕޯޓު ކުރުމުގެ މަރުހަލާ އިންތިޒާމުކޮށް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ހީނަރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ޕާކިސްތާނު ދައުލަތާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓުން އަފްޣާނިސްތާނުގެ ސަރަހައްދުގައި ތިބޭ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުންނެވެ. ނަމަވެސް ތާލިބާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމެރިކާގެ ހާއްސަ ވިސާ ނުވަތަ ރެފިއުޖީން އެމެރިކާއަށް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު އަފްޣާނިސްތާނަށް ފޮނުވާލުމުން އިސްތިސްނާ ކުރުމަށް އެމެރިކާގެ ކުރީގެ އިސް އޮފިޝަލުންނާއި ރިސެޓްލިޓޭޝަން ޖަމިއްޔާތަކުގެ ގްރޫޕަކުން ޕާކިސްތާނަށް ގޮވާލައިފިއެވެ.