ޚަބަރު ސިއްޙަތު

"ޕީސީއޯއެސް" އާއި ގުޅޭ ޚާއްސަ ސެމިނާއެއް ނޮވެންބަރު 2 ގައި ބާއްވަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް "ޕީސީއޯއެސް" އާއި ގުޅޭ ޚާއްސަ ސެމިނާއެއް ނޮވެންބަރު 2 ގައި ބާއްވަން ނިންމައިފިއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ސެމިނާއަކީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ބާއްވާ ސެމިނާއެކެވެ.

ރާއްޖޭގައި އަންހެނުންގެ ނިޞްބަތަށް ބަލާއިރު ޕީސީއޯއެސްއަކީ ވަރަށް ގިނައިން ފެންނަ ސިއްޙީ ޙާލަތެކެވެ. މިއީ މިކަމާއި ގުޅިގެން ސިއްޙީ މާހިރުންވެސް ކަންބޮޑުވާ ޙާލަތަކަށްވާއިރު މި ޙާލަތާއި ގުޅޭ އެކަށީގެންވާ މަޢުލޫމާތާއި ހޭލުންތެރިކަން ރައްޔިތުންގެ ނެތުމަކީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އިތުރުން މިކަން ތަޙައްމަލުކުރާ އަންހެނުންނާއި އަދި ސިއްޙީ ދާއިރާގެ މީހުންގެވެސް ކަންބޮޑުވުމެކެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކުގެ ބޮޑު އިންސައްތައެއް ޕީސީއޯއެސް ތަޖުރިބާ ކުރާކަން ފާހަގަވެފައިވާއިރު މި ސެމިނާއަކީ ޕީސީއޯއެސްއާއި ގުޅޭގޮތުން އާންމުންނަށް ޞައްޙަ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަށް ބައްވާ ސެމިނާއެއްކަމަށް އެ ކޮމިއުނިޓީން ބުނެފައިވެއެވެ.

3 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސެމިނާގައި ޕީސީއޯއެސް ތަހައްމަލުކުރާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި، ސިއްހީ މާހިރުންގެ ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބު ދިނުން ހިމެނެއެވެ.

ތަޖުރިބާތައް ޙިއްޞާކުރުމަށް ސެމިނާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަކީ، ލަޝަސް ލޭޔާގެ އޯނަރ، ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ކޮންޓެންޓް ކްރިއޭޓާ ނަބީލާ ޝިޔާމް، އެސްއެސްޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިނަތު ހައިފާ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ރައީސާ އާޝާ ހުސެއިން އަދި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ކުރީގެ ނައިބު ރައީސާ މަރިޔަމް ޝާނީޒް އެވެ.

އަދި ސެމިނާގެ ޕެނަލް ޑިސްކަޝަންގައާއި، އަދި އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާނީ، އެންޑޯކްރޮނޯލޮޖިސްޓް، ޑރ. މުހައްމަދު ސިރުހާން، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ، އިންފާޓިލިޓީ ސްޕެޝަލިސްޓް ޑރ.ޒާކިޔާ އަހްމަދު، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ، ޝިފާނާ ވަޖީހް، ހީޓްގެ ސީއީއޯ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރ އަދި ލެކްޗަރާ ފެކަލްޓީ އޮފް ހެލްތް ސައިންސަސް، މަރިޔަމް އިފްޝާންއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި، އެސްއެސްޓީވީ، ދަ ވެލްނަސް ކްލަބް އަދި މެޑިކާ ހޮސްޕިޓަލްއާއި ގުޅިގެން ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ކުރިއަށް ގެންދާ ސެމިނާއެކެވެ. މި ސެމިނާގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް ދަ ވެލްނަސް ކްލަބް އިން ހަތަރު މަހުގެ ޕާސަނަލް ޓްރެއިނިން މުޅިން ހިލޭ ލިބިގެންދާނެކަމަށާއި އަދި 10 ފަރާތަކަށް ހޯމޯން ޓެސްޓްތަކާއި އަދި އެންޑޯކްރޮނޮލޮޖީ އެޕޮއިންޓްމަންޓްތަކެއް ހިލޭ ލިބިގެންދާނެކަމަށް މަޢުލޫމާތުލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!