އިންޑިއާއިން ފަލަސްތީނަށް އެހީވެއްޖެ
އިންޑިއާއިން ފަލަސްތީނަށް މެޑިކަލް އަދި ޑިޒާސްޓާ ރިލީފް އެހީ ފޮނުވީ އާދީއްތަ ދުވަހު (އޮކްޓޯބަރު 22) އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ އެކްސް (ކުރީގެ ޓްވިޓާ) ގައި ވިދާޅުވީ ގާތްގަނޑަކަށް 6.5 ޓަނުގެ ސިއްހީ އެހީ އާއި 32 ޓަނުގެ ޑިޒާސްޓާ ރިލީފް މެޓީރިއަލް ހިފައިގެން އިންޑިއާގެ ވައިގެ ސިފައިންގެ ސީ-17 ފްލައިޓެއް މިސްރުގެ އެލް-އާރިޝް އެއާޕޯޓަށް ފުރާފައިވާ ކަމަށެވެ.
ބަގްޗީގެ ޕޯސްޓުގައި ބުނެފައި ވަނީ މި މެޓީރިއަލްގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި ސާޖިކަލް ސާމާނާއި ޓެންޓާއި ސްލީޕިން ކޮތަޅާއި ޓާޕަލިން އާއި ސެނިޓަރީ ޔުޓިލިޓީޒް [އަދި] ފެން ސާފުކުރާ ޓެބްލެޓް ފަދަ ތަކެތި ހިމެނޭ ކަމަށެވެ.
އަލްއަރީޝް އެއާޕޯޓަކީ މިސްރުގެ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ރަފާ ކްރޮސިންއާ ގާތްގަނޑަކަށް 45 ކިލޯމީޓަރު ދުރުގައި އޮންނަ އެއާޕޯޓެކެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހަމައެކަނި ކްރޮސިން ޕޮއިންޓަކީ ރަފާހެވެ.
ނަމަވެސް އިޒްރޭލާއި ހަމާސް އާ ދެމެދު ހަނގުރާމަ ފެށި ފަހުން އެ ކްރޮސިން މުޅިން އޮޕަރޭޓްކޮށްފައެއް ނުވެ އެވެ.
މިސްރުގެ މީޑިއާތަކާ ހަވާލާދީ ބީބީސީން ބުނެފައި ވަނީ އިސްރާއީލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކްރޮސިން ކައިރީގައި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ފަލަސްތީނަށް ބައިނަލްއަގްވާމީ އެހީތައް އެލްއަރީޝްގެ ގުދަންތަކުގައި ހުރި ނަމަވެސް އިޒްރޭލާއި މިސްރާއި އެމެރިކާ އަދި އދ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހޮނިހިރު ދުވަހު (އޮކްޓޯބަރު 21) ރަފާ ކްރޮސިން ހުޅުވި އެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކްރޮސިން ހުޅުވުމާ އެކު 20 އެހީދޭ ޓްރަކާއެކު ގާޒާއަށް ގާފިލާއެއް ވަނީ ވަދެފަ އެވެ.
ފަލަސްތީނާއި ފަލަސްތީނުގެ ރެފިއުޖީންނަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެނީ އދގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ.