ފިލިޕީންސް އިން ބުނީ ޗައިނާގެ ކޯސްޓްގާޑުން ބޯޓުތަކާ ޖެހިފައިވަނީ "ގަސްދުގައި" ކަމަށްްް
ދެކުނު އިރުމަތީ އޭޝިއާގެ އެކުވެރި ގައުމާއި ބެއިޖިންއާ ދެމެދު އޮތް ގުޅުން ހީނަރުވުމާ ގުޅިގެން ދެކުނު ޗައިނާ ކަނޑުގެ ހިޔާލު ތަފާތުވެފައިވާ ސަރަހައްދެއްގައި ރީސަޕްލައި މިޝަންގައި ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތައް "ގަސްދުގައި" އެ އުޅަނދުތަކާ ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފިލިޕީންސުން ތުހުމަތުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ހިނގި އެންމެ ފަހުގެ ހާދިސާއަށް ފަހު ދެ ފަރާތުން ވެސް ތުހުމަތުގެ މުއާމަލާތްތައް ކުރި އިރު، މިއީ ދެބަސްވެފައިވާ ސެކަންޑް ތޯމަސް ޝޯލްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި މިހާތަނަށް ހިނގި އެންމެ ސީރިއަސް ހާދިސާ އެވެ.
ޗައިނާއިން އާދީއްތަ ދުވަހު ބުނީ ފިލިޕީންސްގެ ބޯޓުތައް "ނުރައްކާތެރި ގޮތަކަށް" ޖެހުނީ ކޯސްޓްގާޑުގެ އުޅަނދުތަކާއި އެތަނުގައި މަސްވެރިކަން ކުރާ "ޗައިނާގެ މަސްދޯނިފަހަރު" ކަމަށެވެ.
މެނީލާގައި ހުންނަ ޗައިނާގެ އެމްބަސީން އިއްޔެ ބުނީ ފިލިޕީންސްގެ އުޅަނދުތައް "ގަވައިދާ ހިލާފަށް" އުޅޭ ކަމަށް ބުނެ ފިލިޕީންސް އަށް ހަރުކަށި ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، ކަނޑުމަތީގައި "ހަމަނުޖެހުން އުފައްދައި ހިތްވަރު ދިނުން" ހުއްޓާލުމަށާއި ޗައިނާގެ އަގު ވައްޓާލުމަށް "ބިންނެތް ހަމަލާތައް" ދިނުން ހުއްޓާލުމަށް ފިލިޕީންސް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ފިލިޕީންސްގެ ޑިފެންސް ސެކްރެޓަރީ ގިލްބާޓޯ ޓިއޮޑޯރޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޗައިނާގެ ކޯސްޓްގާޑާއި މެރިޓައިމް މިލިޝިއާ އުޅަނދުތަކުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މެނީލާގެ ސަޕްލައި ބޯޓާއި ކޯސްޓްގާޑް އުޅަނދަށް ފުރައްސާރަކޮށް، ގަސްދުގައި ހަމަލާދީފައިވާ ކަމަށެވެ.
ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ގޮވާލެއްވި ސަލާމަތީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޓިއޯޑޯރޯ ވިދާޅުވީ މިއީ ހުޅަނގު ފިލިޕީންސް ކަނޑުގައި ޗައިނާ ސަރުކާރުން ބައިނަލްއަގްވާމީ ގާނޫނުގެ އެއްވެސް އުސޫލަކަށް ނުވަތަ މުއާހަދާއަކާ މުޅިން ހިލާފަށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ވަރަށް ބޮޑަށް އިތުރުވުން ކަމަށެވެ.
ޓިއޯޑޯރޯ ވަނީ "ޗައިނާގެ ހަރުކަށި އަމަލުތައް ކުށްވެރިކުރުމުގައި އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ، ޖަރުމަން، ކެނެޑާ، ނެދަލެންޑްސް، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން ފަދަ އެކުވެރި ގައުމުތަކާއި އެއްވިސްނުމުގެ ގައުމުތަކުގެ އެއްބާރުލުން" ފާހަގަކުރައްވާފައެވެ.