ޚަބަރު ދުނިޔެ

ޓޭލާ ސްވިފްޓް ބިލިއަނަރުންގެ ލިސްޓަށް އިތުރުވެއްޖެ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޓޭލާ ސްވިފްޓްގެ "އޭރާސް ޓުއާ" ގެ ތެރެއިން

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ މިލްކިޔާތު ބިލިއަން ޑޮރު ހުރަސްކޮށް، ބިލިއަނަރުންގެ ލިސްޓަށް އޭނާގެ ނަން އިތުރުވެއްޖެއެވެ.

Ads by Sosun Fihaara
Ads by STELCO

ޟިދިޔަ އަހަރު ފެށި "އޭރާސް ޓުއާ" ގެ ކުރިން އޭނާގެ މިލްކިއްޔާތުގައި 57- މިލިއަން ޑޮލަރު ހުރިކަމަށް ފޯބްސްއާ ޙަވާލާދީ ބުނެފައިވެއެވެ. މި ޓުއާއިން ޓޭލާއަށް ލިބުނު ބޮޑު ކާމިޔާބައެކު އޭނާގެ މިލްކިއްޔާތު ވަނީ 1.1 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މި ޓުއާގެ އިތުރުން، މި ޓުއާގެ ތެރެއިން ތައްޔާރުކުރި ފިލްމު "ޓޭލާ ސްވިފްޓް: ދަ އޭރާށް ޓުއާ" ދުނިޔޭގެ ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދަމުން އަންނައިރު، ފުރަތަމަ 2 ހަފްތާގެ ތެރޭގައި އާމްދަނީގެ ގޮތުގައި 35 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ އިތުރުން މިއުޒިކް ރޯޔަލްޓީސްގެ ގޮތުގައި 500 މިލިއަން ޑޮލަރު ލިބިފައިވާއިރު، އިތުރު 500 މިލިއަން ޑޮލަރު ލިބިފައިވަނީ އޭނާގެ މިއުޒިކް ކެޓަލޮގްގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން ލިބިފައިވާ އާމްދަނީއެކެވެ.

އޭނާގެ 125 މިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓްގެ އިތުރުން 10 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓުގެ ސަބަބުން އޭނާގެ މިލްކިއްޔާތު ވަނީ ބިލިއަން ޑޮލަރު ހުރަސްކޮށްފައެވެ.

ޓޭލާގެ ޓުއާގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ލިބިގެންގޮސްފައިވާކަމަށް ފޯޗޫންއިން ތައްޔާރު ކުރި ރިޕޯޓަކާ ޙަވާލާދީ ފޯބްސްއިން ވަނީ ބުނެފައެވެ. އެއީ ޓުއާ ކުރިއަށްދާ ސަރަޙައްދުތަކުގެ ވިޔަފާރިތަކަށް އައި ކުރިއެރުންތަކަށް ބަލާފައެވެ.

މި ޓުއާގެ ސަބަބުން 4.6 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް އެމެރިކާގެ އިޤްތިޞާދަށް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!