ދުނިޔެ

ޓައިވާންގެ އިދިކޮޅު މައި ދެ ޕާޓީ އެއްގަލަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާންގެ އިދިކޮޅު މައި ދެ ޕާޓީން ބުނީ އަންނަ ޖެނުއަރީ މަހު ބާއްވާ ޕާލަމެންޓް އިންތިހާބަށް ގުޅިގެން އިތުރު ގޮނޑިތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް ރިޔާސީ ވޯޓަކަށް ޖޮއިންޓް ޓިކެޓާ މެދު އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށެވެ.

Ads by Sosun Fihaara

ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ނައިބު ރައީސް ވިލިއަމް ލައި، ހިޔާލު ހޯދުމުގެ ގިނަ ޕޯލްތަކުގައި ކުރީގައި ހުންނެވި އިރު، އިދިކޮޅު މައި ޕާޓީ ކުއޯމިންޓަންގް (ކޭއެމްޓީ) ހޫ ޔޫ-އިހް އަދި ޓައިވާން ޕީޕަލްސް ޕާޓީ (ޓީޕީޕީ) ގެ ކެންޑިޑޭޓުން ކޯ ވެން-ޖޭ އަށް ދެ ވަނަ އަށް ވާދަކުރަން ޖެހިއްޖެ އެވެ.

އަމިއްލަ އަށް ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ދެކޭ ޗައިނާގެ މައްސަލަ ހޫނުވެފައި ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ޓައިވާނުން އެކަމަށް އިންކާރުކުރާ ސިޔާދަތު ބަލައިގަތުމަށް އެ ރަށަށް ބާރުއެޅުމަށް އަސްކަރީ އަދި ސިޔާސީ ޕްރެޝަރު ވަނީ އިތުރުކޮށްފަ އެވެ.

ޗައިނާއިން ޓައިވާނާ އެކު ބާއްވަމުން އައި އާދައިގެ މަޝްވަރާތައް ކަނޑާލީ 2016 ވަނަ އަހަރު ޑީޕީޕީގެ ރައީސް ސައި އިންގް-ވެން ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އިދިކޮޅު ދެ ޕާޓީން ވަނީ ޗައިނާއާއެކު ހަމަހަމަ ކަމާއި ޝަރަފުވެރި އުސޫލުން މަޝްވަރާތައް ކުރިއަށް ގެންގޮސް ޓައިވާން ކަނޑުއޮޅިގައި ސުލްހަ މަސަލަސްކަން ގާއިމުކުރާނެ ކަމަށް ބުނެފަ އެވެ.

ކޭއެމްޓީ އާއި ޓީޕީޕީ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ އިރު، އެ ދެ ޕާޓީގެ ލީޑަރުންގެ މެދުގައި ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު ބުނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ޕާލަމެންޓުގައި "އެކަކު އަނެކަކަށް ތާއީދުކޮށް ގޮނޑި ތައް ބޮޑުކުރާނެ" ކަމަށެވެ.

ނަމަވެސް ގުޅިފައިވާ ރިޔާސީ އިންތިހާބުގެ ޓިކެޓާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ލީޑަރުން ވިދާޅުވީ އެކަމާ ގުޅޭ ޕްލޭނެއް އެކުލަވާލުމަށް އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ބައެއް ދެބަސްވުންތައް ހައްލުކުރަން ބާކީ އޮތީ،" އެ ރަށުގެ ވެރިރަށް ޓައިޕޭގެ ކުރީގެ މޭޔަރު ކޯ ވިދާޅުވި ގޮތުގައި އޭނާ ބޭނުންވަނީ ކޭއެމްޓީއާ އެކު "އިންސާފުވެރި އަދި އެއްބަޔަކު އަނެއް ބަޔަކަށް ގަބޫލުކުރެވޭ" އެއްބަސްވުމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!