ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބާއްވާނެ ތާރީޚު އިޢުލާނު ކޮށްފި
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް/ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިކަން ހާމަކޮށްފައެވެ.
އެ ބަޔާނުގައި ވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓަށް ޝައުޤުވެރިވެރިވާ ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި އަހަރުގެ ޑިސެންބަރު 20 އިން ފެށިގެން 31 ގެ ނިޔަލަށް ހުޅުވާލާ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ބަޔާނުގައިވެއެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ." ބަޔާނުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވިދާޅުވެފައިވާ ގޮތުގައި، މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނު ކުރާނީ މި މަހުގައެވެ.