ކޮވިޑް19: އަތް ދޮވޭތޯ ބަލަން އަތުގައި ފާހަަގަ ޖަހަނީ
ކޮރޯނާ ވައިރަހާއި ގުޅިގެން އަތް ދޮވުން އިތުރު ކުރުވުމުގެ ގޮތުން ޓީޗަރަކު އޭނާގެ ދަރިވަރުންގެ އަތުގައި ފާހަގަ ޖަހަން ފަށައިފިއެވެ.
މީސް މީޑިއާގައި މި ޓީޗަރު ހިއްސާކޮށްފައިވާ ފޮޓޯއިން ފެނިގެންދަނީ ކުދިންގެ އަތުގައި އަތްދޮވުމަށް ފާހަަގައެއް ޖަހާފައިވަނިކޮށެވެ. އެ ޓީޗަރު އިތުރަށް ބުނި ގޮތުގައި މިކަން ކުރަނީ ކުދިން އަތް ދޮވުނުތޯ ޔަގީން ކުރަން ވެގެނެވެ. އަދި ހެނދުނު ޖަހާ މި ފާހަގަ އަތް ދޮވެ ހަވީރަށް ފުހެވޭ ކުދިންނަށް ހަދިޔާއެއް ވެސް ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މިކަން ކުރަމުންދާތާ ހަފްތާއެއް ވެއްޖެކަމަށާއި ކުދިންގެ ފަރާތުންވެސް ރަނގަޅު އެއްބާރުލުމެއް ލިބޭކަމަށް އެ ޓީޗަރު އިތުރަށް ބުނެފައިވެއެވެ.
ގިނަ ބަޔަކު އަންނަނީ މި ޓީޗަރު ކުރަމުން ގެންދާ މަަސައްކަތަށް ތައުރީފް ކުރަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ މިކަން ނަމޫނާ އަކަށް ބަލަައި ކުޑަކުދިން އަތް ދޮއްވަން އާދަކުރުވަން މަސައްކަތް ކުރާނެކަމަށް ވެސް ބުނެފައެވެ.
ކޮރޯނާ ވައިރަހަށް އަދި ފަރުވާ އެއް ހޯދިފައި ނުވާއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުން ލަފާދެއެވެ. އެގޮތުން މީހުން އެއް ވާ ތަންތަނަށް ނުދިއުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. ހަމައެހެންމެ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކެއްސާއި ކިނބިހި އަޅައިރު ޓިޝޫ އަކުން އަނގަ މަތި ނިވާ ކޮށް ބޭނުން ކުރާ ޓިޝޫ ވަގުތުން ޑަސްބިނަށް ލައި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުންވެސް ހިމެނެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން ކޮރޯނާގެ 134,360 ކޭސް ރިޕޯޓުކުރެވިފައިވާއިރު ވައިރަސް ޖެހުނު 68,900 މީހުންވަނީ ވައިރަހުން މުޅިން ރަނގަޅުވެފައެވެ. އަދި ވައިރަހުގެސަބަބުން 4,969 މީހެއް މަރުވެފައިވެއެވެ.