އަމީންގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފު ކުރަން ނިންމައިފި
ޓެރަރިމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، މުޙައްމަދު އަމީންގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންކޮށްފައިވާ ޙުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ، އަމީންގެ ޢާއިލާއާއި ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައެވެ.
އަމީން އަކީ ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ މީހެކެވެ.
ފުވައްމުލަކު، މާދަޑު، ކަރިއްޔާވިލާ އަމީންގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުން ބުނެފައި ވަނީ އޭނަ އަކީ ރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރާ މީހެއް ކަމަށާއި އަދި ބޭރުގެ ހަނގުރާމަތަކަށް އޭނަ މީހުން ފޮނުވުމަށް ރެކްރޫޓްކުރާ ކަމަށެވެ.
އަމީންގެ އާއިލާގެ ބަޔާނުގައި ބުނެފައިވަނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، މުޙައްމަދު އަމީން ހައްޔަރުކުރެވި، ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން ހަތަރު އަހަރަށް ދިގުދަންމައިގެން ކުރިއަށްގެންދިޔަ ޝަރީއަތަކަށްފަހު، އިއްޔެ އޭނާގެ މައްޗަށް މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ޙުކުމަކީ، ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައި، އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ޙުކުމެއްކަމަށް އާއިލާއަށް ނުފެންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މުޅި މައްސަލަ ބިނާކޮށްފައިވަނީ ހ. މޫންލައިޓް ވެލީ އަލީ ޝަފީއުއާ ގުޅުވައިގެން ކަމަށާއި، ޝަފީއުގެ އާއިލާއިން ހާމަކޮށްފައިވާގޮތުން، އޭނާއަށް ބިރުދައްކައި، އަނިޔާކޮށްގެން ބަޔާން ނަގާފައިވާކަމަށެވެ.
މި މައްސަލަ އެޗްއާރްސީއެމްގައި ފައިލްކޮށް، ޝަފީއުގެ އޯޑިއޯ ބަޔާނެއްވެސް އެޗްއާރްސީއެމްގައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާ ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުން މިކަމުގައި ހައްލެއް ނުގެނެސްދީ، އަލީ ޝަފީއު މީޑިއާތަކަށް ހިއްސާކޮށްފައިވާ ބަސްތީގަތުންތައް އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅިނަމަވެސް، ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ އެ ކަންކަމަށް ރިއާޔަތްނުކޮށް ކަމަށާއި އެއީ އާއިލާއިން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީ ޔަހޫދީ ސަރުކާރުން މީހުން ޓެރެރިސްޓުން ނަށް ހަދައިގެން މިއުޅެނީ !