ރ.އަތޮޅު ކައުންސިލުން، ފަލަސްޠީނަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ!

ފަލަސްތީނުގެ ރައްޔިތުންނަށް ރ. އަތޮޅު ކައުންސިލުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަަދިޔާކޮށްފިއެވެ.
މި ފައިސާ ހަދިޔާ ކޮށްފައި ވަނީ، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ)ގެ އިމަޖެންސީ ރިލީފް ފަންޑަށެވެ.
ކައުންސިލުން ހަދިޔާ ކުރީ ޖުމްލަ 105،179 ރުފިޔާއެވެ. މީގެ ތެރެއިން 100،000 ރުފިޔާ އަކީ ކައުންސިލްގެ ބަޖެޓުން ދޭ އެހީއެކެވެ. ބާކީ 5179 ރުފިޔާއަކީ ހޭންޑްބޯޅަ މުބާރާތް ކުރިއަށްދިޔައިރު އެ ސަރަހައްދުގައި ބެހެއްޓުނު ފަންޑުފޮށްޓަށް ލިބުނު ފައިސާއެވެ.
މިކަމާއި ގުޅޭގޮތުން ރ.އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް "ދެން" އަށް މިރޭ ވިދާޅުވީ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޞަދަގާތް ކުރުމާއި ހެޔޮ ދުޢާ ކުރުމަކީ ލާޒިމް ކަމެއް ކަމަށާއި، ރ.އަތޮޅު ރައްޔިތުން އެކަން އެ ދަނީ ސާބިތުކޮށްދެމުން ކަމަށެވެ.
"މިއީ އަބަދުވެސް ދީނީ ކަންކަމަށްް ލޯބިކުރާ ދީނީ ކަންކަމުގައި ހަމަ ނަމޫނާ މިސާލެއް. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ނުދޭ ހަމަ އެންމެ ރަށެއްވެސް މި އަތޮޅުގައި ނޯންނާނެ. އަތޮޅު ކައުންސިލުގެ ބަޖެޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ފަލަސްތީނަށް ދޭން މި ނިންމީ މިއަދު އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެއީ ކަމުގައި ދެކިގެން." އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން، ހުއްޓުމެއް ނެތި ހަމަލާ ދެމުން އަންނައިރު، މި ހަމަލާތަކުގައި 10،000އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.