ޚަބަރު ދުނިޔެ

ޝިފާ ހޮސްޕިޓަލުގައި 39 ތުއްތު ކުދިން މަރާ ހަނގުރާމަ ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމުގައިވާ "އަލް-ޝިފާ ހޮސްޕިޓަލު" ކަނު އަނދިރި ކަމުގެ ތެރެއަށް ގޮސްފައިވާއިރު، އެ ހޮސްޕިޓަލުގައި 39 ތުއްތު ކުއްޖަކު މަރާ ހަނގުރާމަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޝިފާ ހޮސްޕިޓަލުން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މިކަމުގެ ސަބަބުން އިންކިއުބޭޓަރަށް ލައިފައިވާ 39 ތުއްތު ކުދިންގެ ފުރާނަ ވަނީ ނުރައްކަލަކަށް ހުށަހެޅިފައެވެ. އެ ކުދިން ޝަހީދުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރާއިރު، އަލްޖަޒީރާއިން ބުނެފައި ވަނީ ކުދިންގެ ފުރާނަ ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.

"އެތަނުގައި‏‏‏[ޝިފާ ހޮސްޕިޓަލުގެ]ޒަޚަމްތަކާއި ބިންމައްޗަށް ވެއްޓިފައި ތިބި އެތައް ބަޔަކު އެބަތިބި. އެހިސާބަށް ކައިރިވާ މީހަކަށް ވެސް ހަމަލާ ދޭ." ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު، ޑރ.އަޝްރަފް އަލް ޤުދްރާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ހޮސްްޕިޓަލުން މިހާރު އެއްވެސް ވަރަކަށް ޚިދުމަތް ނުދެވޭ ކަމަށާއި، ނިރުބަވެރިންގެ ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ސަލާމަތް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ފަރުވާ ނުދެވި، މީހަކަށް ފަހު މީހަކު ދަނީ ގެއްލެމުން. މިހާރު ވެސް ފަސް މީހަކަށް ފަރުވާ ނުދެވޭތީ، ޝަހީދު ވެއްޖެ." ޤުދްރާ ވިދާޅުވިއެވެ.

ބޮމުގެ ޙަމަލާތަކުން ހިމާޔަތް ހޯދަން ވަތް މީހުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި ޒަޚަމްވެފައިވާ މީހުން ހިމެނޭހެން ޝިފާ ހޮސްޕިޓަލުގައި 20،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!