ޚަބަރު

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ އަށް ގެންދިޔަ ފަތުރުވެރިޔާގެ ހާލު ދަށް ވެއްޖެ

ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިޓަލީ ފަތުރުވެރިޔާގެ ހާލު ދަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

އެ ފިރިހެން މީހާއާ އެކު އޭނާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެ މީހުން ތިބެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީގައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑރ.މުރާދު ވިދާޅުވީ ކުރިއަށް ވުރެ އޭނާ ބަލި ކަމަށާއި އޭނާ އަށް މިހާރު ކުޑަކޮށް އޮކްސިޖަން ދޭންޖެހޭ ކަމަށެވެ.

"އޮކްސިޖަން ދީގެން އޭނާގެ ހަށިގަނޑު އޮކްސިޖަން ލެވެލް ހިފެހެއްޓެނީ. އެއަށް ވުރެ އިތުރަކަށް އޭނާ ގޯހެއް ނުވޭ. އެހެން ކަންކަން ހުރީ ރަނގަޅަށް. ހަމައެކަނި އޮކްސިޖަން ނުހިފެހެއްޓޭތީވެ އޮކްސިޖަން ދީގެން މޮނީޓާ ކުރަމުން ދަނީ" މުރާދު ވިދާޅުވިއެވެ.

އަދި އޭނާގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވޭތީ އޭނާގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށްވެސް މުރާދު ވިދާޅުވިއެވެ. އަދި އޭނާގެ ގައިން މިހާރު ހުމުގެ އަސަރެއް ނެތް ކަމަށާއި ފަހަރުގައި މިއީ ރަނގަޅު ކަމަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!