ޚަބަރު ސަރުކާރު

އޭސީސީން އެންގި ކަންކަން ބަލައި ފްލެޓު ލިސްޓު ރިވިއުކުރަން ނިންމައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިދިޔަ ސަރުކާރުގެ ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅޭ ގޮތުން ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ކަންކަން ބަލައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހައިދަރު ވިދާޅުވީ ގެދޮރު ވެރިޔާ ސްކީމުގެ ފްލެޓްތަކުގެ މައްސަލާގައި އޭސީސީގެ ލަފަޔަކަށް ބައްލަވާނެ ކަމަށެވެ.

ހަމަ އެހެންމެ މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ދޫކޮށްފައިވާ ފްލެޓްތައް ދީފައިވަނީ ހައްގުވެރިންނަށްތޯ ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން އަޅުގަނޑުމެން މި މަޑުކުރަނީ އޭސީސީން އެކަމާއި ގުޅިގެން ލަފައެއް އަރުވަންދެން. އަޅުގަނޑުމެން ބަލާނަން އެ މައްސަލަ އަކީ ކޮބައިތޯ، ބަލާފަ އެ މައްސަލަ ތައް ރިވިއުކުރަން އަޅުގަނޑުމެން ސަރުކާރުން އޮތީ ނިންމާފައި. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭ ދޫކޮށްފައިހުރި ފުލެޓްތައް، އެ ފްލެޓްތައް އަޅުގަނޑުމެން ރިވިއު ކުރާނަން، އެ ލިބިފައި ހުރީ ހައްގުވެރި ފަރާތަށްތޯ ނޫން ތޯ." ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅާއި ގިރާވަރުފަޅުން ގޯތިދީ، ގޯތީގެ ރަޖިސްޓްރީ ދީފައިވީނަމަވެސް، އޭގެތެރޭގައި ބިން ނެތް ތަންތަންވެސް ހިމެނޭ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށްވެސް ދަތިވާނެކަމެއް ކަމަށް ޑރ. ހައިދަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!