ޣައްޒާއަށް އެހީވާން އިންޑިއާއިން 2.5 މިލިޔަން ޑޮލަރު
ޣައްޒާގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އިންޑިއާއިން އިއްޔެ ވަނީ އދގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.
އިންޑިއާގެ ރެޕްރެޒެންޓޭޓިވް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހަދިޔާގެ މަގުސަދަކީ ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި ސިއްހީ ފަރުވާ އާއި ރިލީފް މަސައްކަތްތަކާއި އިޖުތިމާއީ ހިދުމަތްތައް ދިނުން ފަދަ އެ އެޖެންސީން ކުރިއަށް ގެންދާ އަސާސީ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.
ޔޫއެންއާރުޑަބްލިއުއޭގެ ތަރުޖަމާނު ތަމާރާ އަލްރިފައި މިއަދު ހެނދުނު ވިދާޅުވީ، ޔޫއެންއާރުޑަބްލިއުއޭ އަށް އިއްޔެ އިންޑިއާއިން ވަރަށް ދީލަތި އެހީއެއް ލިބުނު ކަމަށާއި، މިއީ މި ދަތި ދަނޑިވަޅުގައި އަދި މުޅި ސަރަޙައްދުގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ޣައްޒާއަށް ބޭނުންވާ ބޮޑެތި ބޭނުންތަކާ އެކު އެންމެ ބޮޑަށް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
ގުދުސްގައި ހުންނަ އެ އެޖެންސީގެ ހުޅަނގު އައްސޭރީގެ ފީލްޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންއާރްޑަބްލިއުއޭގެ ޑިޕާޓްމަންޓް އޮފް އެކްސްޓާނަލް ރިލޭޝަންސްގެ ޑައިރެކްޓާ އޮފް ޕާޓްނާޝިޕްސް ކަރީމް އަމޭރަށް މި އެހީ ހަވާލުކޮށްދެއްވީ ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާ ރެޕްރެޒެންޓޭޓިވް ރޭނޫ ޔާދަވް އެވެ.
މި ރަސްމިއްޔާތުގައި އިންޑިޔާގެ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، މި ސަރަޙައްދުގައި އެ އެޖެންސީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ފަލަސްޠީނުގެ ރެފިއުޖީންނަށް ފޯރުކޮށްދޭ ޒަރޫރީ ޚިދްމަތްތަކަށް އިންޑިއާ ސަރުކާރުގެ އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
ޔޫއެންއާރުޑަބްލިއުއޭގެ ފަރާތުން ޝުކުރު އަދާކުރައްވާ އަމޭރު ވަނީ އިންޑިއާއިން ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އިސްރާއީލުން ޣައްޒާ އަށް ހުރަސް އެޅުމުގެ ސަބަބުން ތެލާއި ކަރަންޓާއި ފެނުގެ ސަޕްލައި ކަނޑާލައި، އެންކްލޭވްގައި ތިބި ފަލަސްތީނުގެ 2.3 މިލިއަން މީހުންގެ ބޭނުންތައް ފުއްދައިނުދެވޭ ގޮތަށް އެހީ ފޯރުކޮށްދިނުން ވަނީ މަދުކޮށްފަ އެވެ. ޔޫއެންއާރުޑަބްލިއުއޭ އިން ބުނި ގޮތުގައި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ދެތިން މަސް ދުވަހަށް ދުވާލަކު ގާތްގަނޑަކަށް 800 ޓްރަކްގެ އެހީ ބޭނުންވެ އެވެ.
45 ވަނަ ދުވަހަށް ވެސް އިސްރާއީލުން ދަނީ ޣައްޒާގައި ތިބި ފަލަސްތީނު މީހުންނަށް ހަމަލާދެމުންނެވެ. އެއީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އަވަށްތަކަށާއި ގެދޮރު ގެއްލިފައިވާ މީހުންނާއި ހޮސްޕިޓަލްތަކުގެ ގާފިލާތަކުގެ އިތުރުން މަދަނީ އެހެނިހެން އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްގެން ނެވެ.