އެމްޑީޕީން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން ނިންމައިފިއެވެ. އެ ޕާޓީން ބުނީ ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް އަންގާ ކަމަށެވެ.
އިންތިހާބު ފަސްކޮށްފައި ވަނީ ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުދީ: އެމްޑީޕީ
ީއިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވަނީ ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ރާއްޖެއަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސަރުކާރުން މިއަދު ވަނީ މުޅި ރާއްޖެއަށް 30 ދުވަހަށް ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މިއާއެކު މިއަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު ވަނީ އަންނަ މަހު 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އެމްޑީޕީން މިރޭ ބުނީ އެމްޑީޕީން ބުނީ ކައުންސިލް އިންތިޚާބު އޭޕްރީލް 18 އަށް ފަސްކުރުމާއި ގުޅިގެން ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ ހަ ދުވަސްކަމަށްވާތީ، އެއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށެވެ.
އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަމަށް އެމްޑީޕީން ބުނެއެވެ.
މި ޕާޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާޓީއަކަށް ވީހިނދު، ކެމްޕޭން ކުރުމަށްޓަކައި ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް މި ޕާޓީން ގޮވާލަމެވެ." އެމްޑީޕީން ބުންޏެވެ.