ދުނިޔެ

އެތައް ހާސް ފޭކް އެކައުންޓެއް ހިމެނޭ ޗައިނާގެ ނެޓްވޯކް މެޓާ އިން ފޮހެލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެޓާ އިން ބުނީ ދާދި ފަހުން ޗައިނާގައި ހުރި އެތައް ހާސް ފޭކް އަދި އޮޅުވާލާ އެކައުންޓްތަކުގެ ނެޓްވޯކެއް ނައްތާލާފައިވާ ކަމަށެވެ.

Ads by Sosun Fihaara

އެމެރިކާގެ ސިޔާސީ މަސްރަހާއި އެމެރިކާ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ޕޯލަރައިޒް ކޮންޓެންޓް ފެތުރުމަށް އެ މީހުން މަސައްކަތް ކުރި އެވެ. އެ ނެޓްވޯކުން އާންމުކުރި މައުޟޫތަކުގެ ތެރޭގައި އެބޯޝަން އާއި ސަގާފީ ހަނގުރާމައިގެ މައްސަލަތަކާއި ޔޫކްރެއިންއަށް ދޭ އެހީ ހިމެނެ އެވެ.

މެޓާ އިން އެ ޕްރޮފައިލްތައް ބެއިޖިންގެ އޮފިޝަލުންނާ ގުޅުވާފައި ނުވި ނަމަވެސް 2024 ވަނަ އަހަރުގެ އެމެރިކާގެ އިންތިހާބާ ދިމާކޮށް ޗައިނާގައި ހުންނަ މިފަދަ ނެޓްވޯކްތައް އިތުރުވެފައިވާ ކަން ވަނީ ފެނިފަ އެވެ.
ރަޝިއާ އާއި އީރާނުގެ ފަހަތުން ތިންވަނައަށް އެންމެ ބޮޑު ޖިއޮގްރަފިކަލް ވަސީލަތަކީ ޗައިނާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ކުއާޓާލީ ތްރެޓް ރިޕޯޓުގައި ދާދި ފަހުން ޓެކްޑައުންތައް ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ނެޓްވޯކްގައި 4،700 އަށް ވުރެ ގިނަ އެކައުންޓް ހިމެނޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެހެން މީހުންގެ ޕްރޮފައިލް ފޮޓޯތަކާއި ނަންތައް ބޭނުންކޮށްފައި ވެ އެވެ.
އެ އެކައުންޓްތަކުން އެކަކު އަނެކަކުގެ ޕޯސްޓްތައް ޝެއާކޮށް ލައިކް ކޮށްފައިވާއިރު ބައެއް ކޮންޓެންޓްތައް ނަގާފައި ވަނީ ސީދާ އެކްސް، ކުރިން ޓްވިޓާ އިން ކަމަށް ބެލެވެ އެވެ.
ބައެއް ހާލަތްތަކުގައި އެ އެކައުންޓްތަކުގައި އެމެރިކާގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ އާއި މިޝިގަންގެ ގަވަރުނަރު ގްރެޗެން ވިޓްމާ އާއި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެސަންޓިސް އާއި ރެޕްސް މެޓް ގެޓްޒް އާއި ޖިމް ޖޯޑަން ފަދަ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ޕޯސްޓްތައް ކޮޕީކޮށް ޕޭސްޓްކޮށްފައިވެ އެވެ.
އެ ނެޓްވޯކުން ފިކުރީ ހަމަޖެހުމެއް ނުފެނެ އެވެ.
މެޓާ އިން އާންމުކުރި މިސާލުތަކުގައި ޗައިނާގެ ނެޓްވޯކްގެ އެކައުންޓަކުން ވަނީ ޑިމޮކްރެޓިކް ކޮންގްރެސްވުމަން ސިލްވިއާ ގާސިއާ މި އަހަރުގެ ކުރީކޮޅު ކުރެއްވި ޓުވީޓެއްގައި ވާ ބަސްތައް ރީޕޯސްޓްކޮށްފަ އެވެ. ޓެކްސަސްގެ އެބޯޝަން ގާނޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އެކަމަނާ ލިޔުއްވާފައި ވަނީ "ހަނދާން ބަހައްޓަން - އެބޯޝަން އަކީ ސިއްހީ ފަރުވާ" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!