އެޕަލްގެ އަމާޒަކީ އިންޑިއާގައި އަހަރަކު 50 މިލިއަނަށް ވުރެ ގިނަ އައިފޯން އުފެއްދުން

އެޕަލް އާއި އެ ކުންފުނީގެ ސަޕްލަޔަރުންގެ ވިސްނުން ހުރީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އިންޑިއާގައި 50 މިލިއަނަށް ވުރެ ގިނަ އައިފޯން އުފެއްދުމަށެވެ.
މިއީ އެޕަލް އިން ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަޕްލައި ޗެއިން ޑައިވާސިފައި ކުރުމަށް ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން އެޅި ފިޔަވަޅެކެވެ. އެކަން ކާމިޔާބުވެއްޖެނަމަ، މި ދިހައަހަރު ނިމޭއިރު ދުނިޔޭގެ އައިފޯން އުފެއްދުމުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާނީ އިންޑިއާއިންނެވެ.
އެޕަލްގެ އެންމެ މުހިންމު ސަޕްލަޔަރުންގެ ތެރޭގައި ހިމެނޭ ފޮކްސްކޮން އިން މިދިޔަ މަހު ވަނީ އިންޑިއާގައި 1.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާނެ ކަން އިއުލާންކޮށް އިންޑިއާއަށް ވައުދުވެފައިވާކަން ހާމަކޮށްފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕްރޮޑަކްޝަން ލިންކްޑް ސަބްސިޑީގެ ސަބަބުން އެޕަލްގެ ސަޕްލަޔަރުންނަށް އިންޑިއާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ހިތްވަރު ލިބިއްޖެއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ވާގޮތުން ކަރްނާޓަކާގައި ފޮކްސްކޮން ޕްލާންޓެއް އެޅުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވޭ އިރު، އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އަހަރަކު 20 މިލިއަން މޮބައިލް ފޯނު، މައިގަނޑު ގޮތެއްގައި އައިފޯން އުފެއްދުމެވެ. މީގެ އިތުރުން އައިފޯން އުފައްދާ އިތުރު މެގަޕްލާންޓެއް ގެނައުމުގެ ޕްލޭންތައް ވެސް މިހާރު އޮތީ ވަރަށް ކުރީ މަރުހަލާގަ އެވެ.
ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓާޓާ ގްރޫޕުން ވެސް އަންނަނީ ޓެމިލް ނާޑޫގައި އައިފޯން އެސެމްބްލީގެ މުހިންމު ޕްލާންޓެއް އެޅުމަށް ތައްޔާރުވަމުންނެވެ. މި ފެސިލިޓީގައި ގާތްގަނޑަކަށް 20 އެސެމްބްލީ ލައިން ހުންނާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 50،000 މަސައްކަތްތެރިން މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ. އަމާޒަކީ 12-18 މަސް ދުވަހުގެ ތެރޭގައި ޕްލާންޓް ހިންގުން. މިކަމުގެ ސަބަބުން ކަރްނާޓަކާގައި މިހާރުވެސް އައިފޯން ފެކްޓްރީއެއް ހިންގާ ޓާޓާއާއެކު އެޕަލްގެ ޕާޓްނާޝިޕް އިތުރަށް ހަރުދަނާވެގެންދާނެއެވެ.