ދުނިޔެ

ޤަވާއިދާ ޚިލާފަށް ހިޖުރަކުރާ މީހުންނާ ދެކޮޅަށް ޕާކިސްތާނުން ފިޔަވަޅު އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާ ކަމަށް ޕާކިސްތާނުގެ ވަޤުތީ ދާހިލީ ވަޒީރު ސަރުފްރާޒް ބުގްޓީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ ފިޔަވަޅުތަކުގެ ދަށުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ލިޔެކިޔުންތަކާ ނުލައި ޤަވާއިދާ ޙިލާފަށް ޕާކިސްތާނުގައި ދިރިއުޅޭ ބައި މިލިއަނެއްހާ އަފްޣާން މީހުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލައިފައެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުފްރާޒް ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 482،000އަށް ވުރެ ގިނަ އަފްޣާން މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ޤާނޫނާ އެއްގޮތަށް އެ ޤައުމުގައި ތިބި 10 އަފްޣާން މީހުން އަނބުރާ ފޮނުވާލުމަށްވެސް ނިންމާފައިވާ ކަމަށް ސަރުފުރާޒް ވިދާޅުވިއެވެ. އެ މީހުން ފޮނުވާލަން ނިންމާފައި ވަނީ ޕާކިސްތާނުގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭތީއެވެ.
ޕާކިސްތާނުގައި ސިޔާސީ ޙަރަކާތްތަކުގައި އުޅެވެނީ ހަމައެކަނި އެ ޤައުމުގެ މީހުންނަށެވެ.

ޕާކިސްތާނުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުންނަށް ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އެ ޤައުމުގެ ސަރުކާރުން ފަށައިފައި ވަނީ މީގެ ދެ މަސްކުރިންނެވެ. އެއީ ވަކިން ޚާއްޞަކޮށް އަފްޣާން މީހުންނާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށް ޕާކިސްތާނުން ބުނެއެވެ. ޕާކިސްތާނުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންގެ ތެރެއިން އެންމެ ގިނައީ އަފްޣާނިސްތާނު މީހުންނެވެ.

އަފްޣާނިސްތާނުގެ ގިނަ މީހުން ޕާކިސްތާނުގެ ރައްޔިތުކަން ހޯދަން މަސައްކަތް ނުކުރަނީ އެ ޤައުމުން ބޭރަށް ނުކުންނަން މަޖުބޫރު ނުވާނެ ކަމަށް ހީކޮށެވެ. ނަމަވެސް ޕާކިސްތާނަށް ސިޔާސަތަށް އައި ކުއްލި ބަދަލާއެކު ޕާކިސްތާނާއި ޠާލިބާނުން ވެރިކަން ކުރާ އަފްޣާނިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ.

އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 1.7 މިލިއަން މީހުން ގިނަ ދުވަސްތަކެއް ވަނީ ޕާކިސްތާނުގައި ދިރިއުޅެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ 1979ން 1989 ނިޔަލަށް ސޯވިއެޓުން އަފްޣާނިސްތާނު އިސްތިޢުމާރު ކޮށްފައި އޮތް ދުވަސްވަރު ފިލައިގެން ދިޔަ މީހުންނެވެ. އޭގެ އިތުރުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ޙަވާލުވުމުން ބައި މިލިއަނެއްހާ މީހުން ވަނީ ފިލައިގެން ގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!