ޖެނުއަރީ މަހުން ފެށިގެން ހުކުރު ޚުޠުބާގެ އިނގެރޭސި ތަރުޖަމާ ޓީވީން ދައްކަނީ
މި ފެށޭ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ފަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން ކަމަށާއި ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ލައިވްކޮށް ޓީވީން ޚުތުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެ ގޮތަށް އިންތިޒާމް ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދޭނެ ކަމަށާއި ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާޢީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޑރ. ޝަހީމް ވިދާޅުވީ މި ހުރިހާ ކަމަކީވެސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވިގެންދާނެ ނިންމުންތަކެއް ކަމަށެވެ.