ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އިންޑިއާއިން އދ.ގައި ތާއީދުކޮށްފި
އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުންތަކުގައި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި، އެފަދަ ގަރާރަކަށް ވޯޓަށް އަހާފައި ނުވާތާ ދެ މަސް ފަހުން، އެއްވެސް ޝަރުތެއް ނެތި ހުރިހާ މީހުން ދޫކޮށްލުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ފާސްކުރި ގަރާރުގެ ޑްރާފްޓަށް އިންޑިއާއިން ތާއީދުކޮށްފި އެވެ.
މި ގަރާރާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުގެ އިތުރުން އިތުރު އަށް މީހަކު ވަނީ ވޯޓު ދީފަ އެވެ.
އދ.ގެ 193 މެމްބަރުންގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހުން މިސްރުން ހުށަހެޅި ގަރާރުގެ ޑްރާފްޓް ފާސްކުރީ އަންގާރަ ދުވަހު ނިއުޔޯކްގައި ބޭއްވި ކުއްލި ހާއްސަ ބައްދަލުވުމެއްގަ އެވެ. ގަރާރު ފާސްކުރަން ފެންނަ ކަމަށް 153 މެމްބަރުން ވޯޓު ދެއްވިއިރު، 23 ގައުމަކުން ވޯޓު ނުދީ 10 ގައުމަކުން އެ ލިޔުމާ ދެކޮޅަށް ވޯޓު ދީފައިވެ އެވެ.
އަލްޖީރިއާ، ބަހްރެއިން، އިރާގު، ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ފަލަސްތީނު ފަދަ ގައުމުތަކުން ސްޕޮންސާކޮށްފައިވާ މި ގަރާރުގައި ވަނީ ޣައްޒާގައި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހުރިހާ ފަރާތަކުން ވެސް އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރާ ކަން ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ. އަދި "ބަނގުރޫޓުވެފައިވާ އެންމެން ވަގުތުން އަދި ޝަރުތެއް ނެތި ދޫކޮށްލުމަށާއި، އިންސާނީ ވަސީލަތްތައް ކަށަވަރުކޮށްދިނުމަށް" ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ނަމަވެސް އެ ގަރާރުގައި ހަމާސްގެ ނަން ހިމަނާފައެއް ނުވެ އެވެ. އޮސްޓްރިއާ އާއި އެމެރިކާ އިން ވެސް ވަނީ ޑްރާފްޓް ލިޔުމަށް އިސްލާހެއް ހުށަހަޅައިފަ އެވެ. އޮސްޓްރިއާއިން ހުށަހެޅި އިސްލާހުގައި ވަނީ މައި ޑްރާފްޓްގައި "ބަނގުރޫޓުވާ މީހުން" މި ލަފުޒަށް ފަހު "ހަމާސް އާއި އެހެނިހެން ޖަމާއަތްތަކުން ހިފަހައްޓާފައިވާ" ލައިން ޖެހުމަށް ގޮވާލައި، "ވަގުތުން" އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ. އެ ދެ އިސްލާހަށް ވެސް އިންޑިއާ އިން ތާއީދު ކުރި އެވެ.