ދުނިޔެ

ޖަޕާނާއި މެލޭޝިއާއާ ދެމެދު 2.8 މިލިއަން ޑޮލަރުގެ މެރިޓައިމް ސެކިއުރިޓީ އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެލޭޝިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ޖަޕާނާއި މެލޭޝިއާއާ ދެމެދު ސަލާމަތީ އެހީގެ އެއްބަސްވުމެއްގައި ހޮނިހިރު ދުވަހު ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

ޖަޕާނާއި އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) އާ ދެމެދު އޮންނަ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓޯކިޔޯ ސަމިޓުގެ ހަވާސާގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ސޮއިކުރެއްވި ރަސްމީ ސަލާމަތީ އެހީގެ އެއްބަސްވުމުގެ ދަށުން ރެސްކިއު ބޯޓާއި ސަޕްލައި ފަދަ ސާމާނު ޖަޕާނުން ފޯރުކޮށްދޭނެ އެވެ.

ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަޕާނާއި މެލޭޝިއާގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަރޝިޕަކަށް" ބަދަލުކުރުމުން ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ މަރުހަބާ ދަންނަވާ ކަމަށެވެ.

މެލޭޝިއާގެ އިތުރުން، އާސިއާންގެ ގައުމުތަކުން ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބްރޫނާއީ އިން ދެކުނު ޗައިނާ ކަނޑުގެ ބައެއް ސަރަހައްދުތައް ދަޢުވާކުރާއިރު، ޗައިނާއިން ވަނީ އަހަރަކު 3 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ އުޅަނދުފަހަރުން ދަތުރުކުރާ ވިޔަފާރީގެ ބަނދަރެއްކަމުގައިވާ ކަނޑުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގެ މައްޗަށް ދަޢުވާކޮށްފައެވެ. ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ބުނެފައި ވަނީ ޗައިނާއިން ދައްކާ ވާހަކަތަކަކީ ގާނޫނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ޗައިނާ އާއި ޖަޕާނުން މިދިޔަ ހަފުތާގައި ވަނީ އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުގައި އެ ދެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި އެ ދެ ގައުމުގެ ކޯސްޓްގާޑުންގެ މެދުގައި ހިނގި ކުރިމަތިލުމަކަށް ފަހު ކަނޑުގެ ސަރަހައްދަށް އަރައިގަތް ކަމަށް ތުހުމަތުކޮށްފަ އެވެ.

ޖަޕާނުން މެލޭޝިއާއަށް ދޭ އެހީއަކީ މިއަހަރު ފިލިޕީންސާއި ބަންގްލަދޭޝްއާ އެކު ވެފައިވާ އެފަދަ އެއްބަސްވުންތަކަކަށް ވާއިރު، މިއީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނުން މިދިޔަ އޭޕްރީލް މަހު އިއުލާނުކުރި ޕްލޭންގެ ތެރޭގައި ހިމެނޭ އެހީއެކެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!