ޚަބަރު ސިޔާސީ

ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ބަލިތަކަށް އިތުރަށް ސަމާލުވާާން އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެކި ޤައުމުތަކުގައި ކޮވިޑުގެ އައު ވޭރިއެންޓު ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Hajj Corporation
އެ އެޖެންސީން ނެރުނު ބަޔާނުގައި ވިދާޅުވީ، މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑްގެ އައު ވޭރިއެންޓު، JN.1 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. އެޗްޕީއޭގެ ބަޔާނުގައި، މި ވޭރިއަަންޓް ފެނުނު ކަމަށް ބުނެފައެއް ނުވެއެވެ.

އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފައެވެ.

އެގޮތުން ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުމަށާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުމާއި، ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުމަށާއި، ރޯގާޖެހި ކެއްސާނަމަ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި، އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނުހެދުމަށާއި ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އެދިފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!