ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސްގެ އަމަލުތައް "ވަރަށް ނުރައްކާތެރި" - ޗައިނާގެ ދައުލަތުގެ މީޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޗައިނާގެ ސަރަހައްދަށް ފިލިޕީންސުން ތަކުރާރުކޮށް އަރައިގަނެ، ދޮގު މައުލޫމާތު ފެތުރުމާއި، ބޭރުގެ ބާރުތަކާ ގުޅިގެން ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ތުހުމަތުކޮށްފި އެވެ.

Ads by Sosun Fihaara

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ މައުތުޕީސް، ޕީޕަލްސް ޑެއިލީ އިން ހޯމަ ދުވަހު ނެރުނު ކޮމެންޓްރީއެއްގައި ބުނެފައި ވަނީ ފިލިޕީންސުން ބަރޯސާވެފައި ވަނީ ޗައިނާ އަބަދުވެސް ރުޅިއަރުވަން އެމެރިކާގެ ތާއީދަށް ކަމަށާއި، މިފަދަ "ވަރަށް ނުރައްކާތެރި" އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

ފިލިޕީންސްގެ ޚާރިޖީ ވުޒާރާއާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ނެޝަނަލް ޓާސްކް ފޯހެއްގެ ބަހެއް ކްރިސްމަސް ދުވަހު ލިބޭގޮތް ވަނީ ނުވެފައެވެ.

ޗައިނާ އާއި މެނީލާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިފަހަކަށް އައިސް އިތުރުވެފައި މިވަނީ ދެކުނު ޗައިނާ ކަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ފަރާތުން ވެސް ވިޔަފާރީގެ ތުހުމަތުތައް ކުރަމުން ދަނިކޮށެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް ޗައިނާއިން ހިފަހައްޓަމުން އަންނައިރު، އޭގެ ބައެއް ސަރަހައްދުތައް ވެސް ފިލިޕީންސް، ބްރޫނާއީ، މެލޭޝިއާ، ޓައިވާން، ވިއެޓްނާމް އަދި އިންޑޮނޭޝިއާ އިން ވެސް ވަނީ އުފުލާފަ އެވެ. ބައިނަލްއަގުވާމީ ޓްރައިބިއުނަލަކުން 2016 ވަނަ އަހަރު ފިލިޕީންސުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޗައިނާގެ އެ ވާހަކަ ބާތިލްކުރި އިރު، އެ މައްސަލަ ބެއިޖިން އިން ވަނީ ދޮގުކޮށްފަ އެވެ.

އާދަޔާ ހިލާފަށް ސީދާ އިންޒާރެއް ދެއްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ފިލިޕީންސްއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އޮޅުވާލުމެއް އުފެދިއްޖެނަމަ ޗައިނާއިން ހަރުދަނާ ރައްދެއް ދޭނެ ކަމަށާއި ބޮޑެތި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް ގޮވާލާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!