ދުނިޔެ

ލަންކާގައި ބޮޑު ޑްރަގް އޮޕަރޭޝަނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ވަގުފާރިއާ ދެކޮޅަށް އަވައްޓެރި ސްރީ ލަންކާގެ ފުލުހުން ހިންގަމުންދާ ބިޔަ އޮޕަރޭޝަނެއްގައި 15,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، 440 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ސްރީލަންކާގެ ފުލުހުން ވަނީ ވެރިރަށް ކޮލަމްބޯގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި ހުރި ޝައްކުކުރެވޭ ޢިމާރާތްތަކަށް ރޭޑު ޖަހާފައެވެ.

Ads by WAMCO

މި އޮޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ 13,666 މީހުންނާއި، މަސްތުވާތަކެތި ބޭނުންކުރާ 1,097 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި ސްރީ ލަންކާގެ ފުލުހުން ބުނެއެވެ. މިހާ ގިނަ ޢަދަދެއްގެ ބަޔަކު އެއް ފަހަރާ ހައްޔަރު ކުރުމުން، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި، ފުލުހުން ރޭޑު ޖަހާފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން ސްރީ ލަންކާގެ ފުލުުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ރޭޑު ޖެހުމާއި، ޝައްކު ކުރެވޭ މީހުން ހުއްޓުވައި ސުވާލުކޮށް ބަލައިފާސް ކުރުމަކީ އެ ޤައުމުގެ ޤާނޫނުތަކުން ހުއްދަ ކުރާ ކަމެއް ކަމުގައެވެ. އަދި، ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަ މަރުކަޒަކަށް ފޮނުވާފައިވާ ކަމުގައި ވެސް ފުލުހުން ބުނެއެވެ. އެ މަރުކަޒަކީ، ސްރީ ލަންކާގެ އަސްކަރިއްޔާއިން ހިންގާ މަރުކަޒެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ސްރީ ލަންކާއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި މަސްތުވާތަކެތީގެ ވަގުފާރި ކުރާ ފަރާތްތަކުން މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ޤައުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެއީ މަސްތުވާތަކެތީގެ ވަގުފާރީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ވެސް ބައެއް މާހިރުން ސިފަ ކުރެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޤައުމުގެ ފުލުހުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނުގައި، އެ ވިޔަފާރީގައި ޝާމިލުވާ މީހުންގެ ގިނަ ޢަދަދެއްގެ މުދާ ވެސް ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި އަގުބޮޑެތި ވެހިކަލްތަކާއި އެ މީހުންގެ ގެދޮރު ވެސް ހިމެނެއެވެ. މި އޮޕަރޭޝަން ކުރިއަށް އޮތް ހަފުތާގައި ވެސް ކުރިއަށް ދާނެ ކަމުގައި ސްރީ ލަންކާގެ އޮފިޝަލުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި 272 ކިލޯގެ ކެނިބިސްއާއި، 25 ކިލޯގެ ހެޝިޝް އަދި ނުވަ ކިލޯގެ ހެރޮއިން ހިމެނެއެވެ. ފަހުގެ ތާރީޚެއްގައި ސްރީ ލަންކާގައި މި ފަދަ ބޮޑު އޮޕަރޭޝަނެއް ހިންގާފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެ ފަހަރު ފުލުހުން ވަނީ 800 ކިލޯގެ ކޮކެއިން އަތުލައިގަނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!