ދުނިޔެ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީގެ އިންތިޚާބީ ނިޝާން ޕާކިސްތާނުގެ ކޯޓަކުން އަލުން އިއާދަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއަށް ކްރިކެޓް ބެޓް ލޯގޯ ބޭނުންކޮށްގެން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕާކިސްތާނުގެ ކޯޓަކުން ނިންމައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ ހައިކޯޓުން މިދިޔަ ހަފުތާގައި އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ އިންތިހާބީ ނިޝާން ބޭނުން ނުކުރެވޭ ގޮތަށް މިދިޔަ ހަފުތާގައި ނެރުނު އަމުރު ސަސްޕެންޑްކޮށްފި އެވެ.

ޕީޓީއައިގެ ގާނޫނީ ވަކީލް ސައީދު އަލީ ޒަފަރު ވިދާޅުވީ ގާނޫނާ ހިލާފު އަމުރެއްގެ ދަށުން އެ ޕާޓީގެ އިންތިހާބީ ނިޝާން ކަމަށްވާ ކްރިކެޓް ބެޓް ބޭއިންސާފުން ބާތިލްކުރި ޕީޓީއައިއާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ކުރި ހުކުމް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އަދި އަޅުގަނޑުމެންގެ ނިޝާން އަލުން އިއާދަކުރުމަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޮޑެތި މީހުންގެ ލިޓްރަސީ ރޭޓް އެންމެ 58 ޕަސެންޓްގައި އޮތް ގައުމެއްގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުން ތަފާތު ކުރުމަށް ކެމްޕޭންގެ މުހިންމު ވަސީލަތްތަކަކީ އިންތިހާބީ ނިޝާންތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެގޮތަށް ނިންމީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ނުބޭއްވުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް ޕީޓީއައި އިން ބުނީ މިއީ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް އިމްރާން ވާދަނުކުރެއްވުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!