ދުނިޔެ

މުމްބާއީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހާފިޒް ސައީދު އަނބުރާ ގައުމަށް ފޮނުވާލަން އިންޑިއާއިން ޕާކިސްތާނަށް ރަސްމީކޮށް އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2008 ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާގެ ތުހުމަތު ކުރެވޭ ހާފިޒް ސައީދު އިންޑިއާގައި ޝަރީއަތަށް ފޮނުވާލުމަށް ޕާކިސްތާނުން ރަސްމީކޮށް އެދިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ ޕާކިސްތާނުގެ ސަރުކާރަށް ކަމާ ގުޅޭ ސަޕޯޓިން ލިޔުންތަކާއެކު ރިކުއެސްޓް އެއް އަންގާފައިވާނެ ކަމަށެވެ.

ބަގްޗީ ވިދާޅުވީ ޕާކިސްތާނަށް އެންމެ ފަހުން މުއާމަލާތް ކޮށްފައިވަނީ "މީގެ ހަފުތާއެއްހާ ދުވަސް ކުރިން" ކަމަށެވެ.

ޕާކިސްތާނުގައި މިވަގުތު ބަންދުގައި ހުންނެވި ސައީދަކީ ލަޝްކަރުގެ ހަތިޔާރު އެޅި ޖަމާއަތެއް އުފެއްދެވި ބޭފުޅެކެވެ. އިންޑިއާގެ މާލީ މައި މަރުކަޒަށް ދިން ހަމަލާތަކުގައި 166 މީހުން މަރުވި ކަމަށް އިންޑިއާ އާއި އެމެރިކާއިން ތުހުމަތު ކުރެ އެވެ.

މި މައްސަލައިގެ ޝަރީޢަތާ ކުރިމަތިލުމަށް ސައީދު ހަވާލުކުރުމަށް އިންޑިއާއިން އަންނަނީ އެގައުމުގެ އަވަށްޓެރި ގައުމުގެ ކިބައިން ޒަމާނުއްސުރެ އެދެމުންނެވެ.

ސައީދު ވަނީ 2008 ވަނަ އަހަރު ޕާކިސްތާނުން ބޯޓުގައި މުމްބާއީއަށް ހަތިޔާރު އެޅި 10 މީހުން ވެއްޓުނު ހަމަލާތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ހަތިޔާރު އެޅި މީހުން އެތައް ދުވަހެއް ވަންދެން ސިޓީގެ ލޭންޑްމާކްތަކަށް ހަމަލާތައް ދިނެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަތިޔާރު އެޅި ޖަމާއަތްތަކުގައި ބައިވެރިވި ކަމަށް ބުނެ އެކި މުއްދަތުތަކަށް އޭނާ ގޭބަންދުކޮށްފަ އެވެ. "ޓެރަރިޒަމަށް" ފައިނޭންސް ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކޯޓަކުން ސައީދު 31 އަހަރަށް ޖަލަށް ލީ އޭޕްރީލް 9، 2002 ގަ އެވެ.

ސައީދުގެ ޖަމިއްޔަތުލް ދާވާ ޖަމާއަތް ވެސް ޕާކިސްތާނު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ހަތިޔާރު އެޅި ޖަމާއަތްތަކަށް ފަންޑު ކުރާ ކަމަށް ތުހުމަތު ކުރެވޭ އެ ޖަމިއްޔާއަކީ 2001 ވަނަ އަހަރު އެމެރިކާއިން ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!