ޓައިވާނުން ޗައިނާގެ އިތުރު ބެލޫންތަކެއް ފެނިއްޖެ
ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ ބުދަ ދުވަހު ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ޗައިނާގެ އިތުރު ތިން ބެލޫން އުދުހެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ބެލޫން އެ ރަށުގެ މަތިން އުދުހިފައިވާ ކަމަށާއި މިއީ ޖެހިޖެހިގެން ދެވަނަ ދުވަހު ވެސް މިފަދަ ހަރަކާތެއް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ޖާސޫސް ކުރުމަށް ޗައިނާއިން ބެލޫން ބޭނުންކުރުމުގެ ފުރުޞަތު މުޅި ދުނިޔެއަށް މައްސަލައަކަށް ވެގެން ދިޔައީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއިން ޗައިނާގެ ސަވައިލަންސް ބެލޫނެއް ކަމަށް ބުނާ ބެލޫން ވައްޓާލުމުންނެވެ. ޗައިނާއިން ބުނީ އެ ބެލޫނަކީ ކުއްލިއަކަށް މަގުފުރެދުނު މަދަނީ އުޅަނދެއް ކަމަށެވެ.
ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބާ ދިމާކޮށް ޓައިވާނުން ވަނީ އަސްކަރީ އަދި ސިޔާސީ ގޮތުން ޗައިނާގެ ހަރަކާތްތަކަށް ހައި އެލާޓްވެފައެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޗައިނާއިން ދަނީ އަސްކަރީ އަދި އިގްތިސާދީ ޕްރެޝަރު ތައް އަޅަމުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޗައިނާއިން ދެކޭ ގޮތުގައި އެރަށަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގަ އެވެ.
ޓައިވާނުގެ ދިފާއީ ވުޒާރާއިން މިދިޔަ މަހުން ފެށިގެން ވަނީ ޗައިނާގެ ބެލޫންތައް ނާޒުކު ޓައިވާން ކަނޑުއޮޅިމަތިން އުދުހި، އޭގެ ފަހުން އެ ރަށުގެ އުތުރަށް ވައިގެ ސަރަހައްދު ހުރަސްކޮށް، ގެއްލިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ފެންމަތިވެފަ އެވެ.
ނަމަވެސް މި ހަފުތާގައި އެކަނިވެސް ބެލޫންތައް ހަގީގަތުގައި ވެސް އެ ރަށް ހުރަސްކުރުމުގެ ދެ ހާދިސާއެއް ވަނީ ފެންމަތިވެފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ކޮންމެ ދުވަހަކު އަޕްޑޭޓް ކުރަމުން އަންނަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ބުނީ ޗައިނާގެ ތިން ބެލޫން އަނެއްކާވެސް ކަނޑުއޮޅިމަތިން އުދުހިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ބެލޫން ޓައިވާނުގެ މެދުން ހުރަސްކޮށް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
އުތުރުގެ ބެލޫން ފެނިފައިވަނީ ޓައިވާނުގެ ވައިގެ އަސްކަރީ މަރުކަޒެއް އޮންނަ ސިޓީއެއް ކަމަށްވާ ސިންޗޫގެ އުތުރުން 45 ނޯޓިކަލް މޭލު (83 ކިލޯމީޓަރު) ދުރުގައި ކަމަށާއި އަނެއް ދެ ބެލޫން އުދުހިފައި ވަނީ ޕެންގޫ އައިލެންޑްސްގެ އުތުރުން ކަމަށާއި އެތަނުގައި އެހެން އެއާ ބޭސްއެއް ވެސް ހުރި ކަމަށެވެ.