ޢަރަބި ކަނޑުގައި ހައިޖެކްޓްކުރި އާގުބޯޓަކަށް އިންޑިޔާއިން އެހީވަނީ

ޢަރަބި ކަނޑުގައި ހައިޖެކްޓުކޮށްފައި އޮތް ލައިބީރިޔާގެ ދިދަ ޖެހި ބޯޓަކަށް އިންޑިޔާގެ ކަނޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާގެ މަނަވަރެއް ފޮނުވައިވާ ކަމަށާއި ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިން ބުނެއެވެ. ސޯމާލިޔާގެ އައްސޭރިފަށާ ކައިރިން ހައިޖެކްކުރި ބޯޓަކީ އެމްވީ ލީލާ ނޯފޯކެވެ. އެ ބޯޓުގައި އިންޑިއާގެ 15 ފަޅުވެރިން ތިބި ކަމަށްވެއެވެ.
ޢަރަބި ކަނޑުން ދަތުރުކުރަނިކޮށް ގޮތް ނޭނގޭ ހަތިޔާރު އެޅި ފަސް މީހަކު އެ ބޯޓަށް އަރައިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކަނޑުތަކާބެހޭ ޕޯޓަލަށް އެ މަނަވަރުން ފޮނުވި މެސެޖެއްގައި ބުނެފައިވާ ކަމަށް އިންޑިޔާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައިވެއެވެ. ހައިޖެކްޓުކޮށްފައިވާ ބޯޓަށް އެހީތެރިވުމަށް އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރެއް ކަމަށްވާ އައިއެންއެސް ޗެންނާއީ ފޮނުވައިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ފަހަކަށް އައިސް އިންޑިޔާ ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ދޭ ޙަމަލާތަކާ ގުޅިގެން ޢަރަބި ކަނޑުގައި ޙަރަކާތްތެރިވުން އިންޑިޔާގެ ކަނޑުގެ ސިފައިންގެ ޢަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން މި ހަފުތާގެ ކުރީކޮޅު އިންޑިޔާގެ ކަނޑުގެ ސިފައިން ވަނީ ޢަރަބި ކަނޑުގައި މަސްވެރިކަން ކުރާ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ބަލައި ފާސްކޮށްފައެވެ.