ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއް ބަލައި ފާސްކުރުމަށްފަހު ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށެވެ.
ބަރުދަނުގައި 1.132 ކިލޯގްރާމް ހުރި އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުރެވިގެން އެ ޕެކޭޖު އިތުރަށް ފާސްކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން"އަށް ފޮޒިޓިވްވި ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއެކު 20 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.