ދުނިޔެ

ވިދިވިދިގެން ހަތަރު ވަނަ ދައުރަކަށް ބޮޑުވަޒީރުކަން ހަސީނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދިވިދިގެން ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަންނަވައިފިއެވެ. އިންތިޚާބުގެ ވަޤުތީ ނަތީޖާ ދައްކާ ގޮތުގައި ހަސީނާގެ އަވާމީ ލީގުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 298 ގޮނޑީގެ 75 އިންސައްތަ ކާމިޔާބު ކޮށްފައެވެ. ހަސީނާއަށް އިންތިޚާބުގައި ކުރި ލިބިވަޑައިގަންނަވާފައި ވަނީ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިޚާބު ބޮއިކޮޓްފައިވާ ވަނިކޮށެވެ.

Ads by Sosun Fihaara

ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބީއެންޕީން އިންތިޚާބު ބޮއިކޮޓް ކޮށްފައި ވަނީ އިސްތިޢުފާ ދިނުމަށް ހަސީނާއަށް ގޮވައިލާފައިވާ ގޮވައިލުމަށް އޭނާ އިޖާބަ ނުދެއްވުމުންނެވެ. އިސްތިޢުފާ ދެއްވަން ދެކޮޅު ހައްދަވަމުން ހަސީނާ ވިިދާޅުވީ އޭނާގެ އަމާޒަކީ އިތުރު ދައުރެއް ކާމިޔާބު ކުރައްވައި ބަންގްލަދޭޝްގެ އިޤުތިޞާދު އިތުރަށް ކުރިއެރުވުން ކަމުގައެވެ.

"ކޮންމެ ޕާޓީއަކަށް ވެސް ޙައްޤުތަކެއް ލިބިގެންވޭ. އެއް ޕާޓީން އިންތިޚާބު ބޮއިކޮޓްކޮށް ބައިވެރި ނުވުމަކީ، ޑިމޮކްރެސީ ނެތުން ކަމަށް ގަބޫލު ކުރަން ޖެހޭ ސަބަބެއް ނޫން،" އުމުރުން 76 އަހަރުގެ ހަސީނާ ވިދާޅުވިއެވެ. ހަސީނާއަކީ ބަންގްލަދޭޝްގެ ބާނީގެ ގޮތުގައި ބެލެވޭ ޝައިޚް މުޖީބުއް ރަޙްމާންގެ ދަރިކަނބަލުންނެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ މަޤާމާ އޭނާ އެންމެ ފުރަތަމަ ޙަވާލުވެވަޑައިގަތީ 1996 ވަނަ އަހަރުއެވެ. އަދި، ކުރިއަށް އޮތީ އޭނާ މަޤާމު ފުރުއްވާ ފަސް ވަނަ ދައުރެވެ.

ފާއިތުވި 15 އަހަރުގެ ތެރޭގައި ހަސީނާ ވަނީ ބަންގްލަދޭޝްގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އަންނައުނު އުފައްދާ ސިނާއަތް ކޮޅަށް ޖަހައިދިނުން ހިމެނެއެވެ. މީގެ އިތުރުން މިޔަންމާގެ އަސްކަރީ ވެރިކަމުގެ ވަކިތަކުން ސަލާމަތް ވާން ބަންގްލަދޭޝަށް ހިޖުރަކުރި މިލިޔަނެއްހާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އޭނާ ވަނީ ހިމާޔަތާއި ރައްކާތެރިކަން ދެއްވާފައެވެ. އެއީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ތާރީފު އޭނާއަށް އަމާޒުވި ޢަމަލެކެވެ. ނަމަވެސް، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ އޭނާގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ޚުދުމުހުތާރު ވެރިކަމެއް ކުރެއްވުމާއި އިދިކޮޅު ޙަރަކާތް ހިންގުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ތުހުމަތުތައް ފާހަގަ ކޮށްލެވެއެވެ.

ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ބަންގްލަދޭޝްގެ އިޤުތިޞާދަށް ލޮޅުންތަކެއް އަރާފައިވެއެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ން ހުސްވި އަހަރު ވަނީ އެ ޤައުމަށް 4.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. އަދި އެ ޤައުމުގެ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް 9.5 އިންސައްތައަށް އުފުލިފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!